رَبَّنَآ إِنَّكَ تَعۡلَمُ مَا نُخۡفِي وَمَا نُعۡلِنُۗ وَمَا يَخۡفَىٰ عَلَى ٱللَّهِ مِن شَيۡءٖ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِ
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެން ވަންހަނާކުރާ ކަންތަކާއި، އަޅަމެން ފާޅުކުރާ ކަންތައް، އިބަރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އަދި ބިމުގައްޔާއި، އުޑުގައިވާ އެއްވެސް އެއްޗެއް، اللَّه އަށް ވަންހަނާވެގެނެއް ނުވެއެވެ.
ٱلۡحَمۡدُ لِلَّهِ ٱلَّذِي وَهَبَ لِي عَلَى ٱلۡكِبَرِ إِسۡمَٰعِيلَ وَإِسۡحَٰقَۚ إِنَّ رَبِّي لَسَمِيعُ ٱلدُّعَآءِ
حمد ހުރީ، اللَّه އަށެވެ. އެކަލާނގެއީ، އަޅު، މުސްކުޅިވެފައިވަނިކޮށް، އަޅާއަށް إسماعيل އާއި، إسحاق ދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އަޅުގެ ވެރިރަސްކަލާނގެއީ، دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
رَبِّ ٱجۡعَلۡنِي مُقِيمَ ٱلصَّلَوٰةِ وَمِن ذُرِّيَّتِيۚ رَبَّنَا وَتَقَبَّلۡ دُعَآءِ
އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!
رَبَّنَا ٱغۡفِرۡ لِي وَلِوَٰلِدَيَّ وَلِلۡمُؤۡمِنِينَ يَوۡمَ يَقُومُ ٱلۡحِسَابُ
އަޅަމެންގެ ވެރިރަސްކަލާކޮ! حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!
وَلَا تَحۡسَبَنَّ ٱللَّهَ غَٰفِلًا عَمَّا يَعۡمَلُ ٱلظَّـٰلِمُونَۚ إِنَّمَا يُؤَخِّرُهُمۡ لِيَوۡمٖ تَشۡخَصُ فِيهِ ٱلۡأَبۡصَٰرُ
އަނިޔާވެރިން ކުރާ ކަންތަކާމެދު، اللَّه، غافل ވެ ވޮޑިގެންވާކަމަށް ކަލޭގެފާނު ހީފުޅުނުކުރައްވާ ހުށިކަމެވެ! އެކަލާނގެ އެއުރެން ފަސްކުރައްވާކަން ކަށަވަރީ (ކަންތައް ބޮޑުވެ) ލޯތައް ހުޅުވޭ ދުވަހަކަށެވެ.