وَإِنَّا لَنَحۡنُ نُحۡيِۦ وَنُمِيتُ وَنَحۡنُ ٱلۡوَٰرِثُونَ

އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)


وَلَقَدۡ عَلِمۡنَا ٱلۡمُسۡتَقۡدِمِينَ مِنكُمۡ وَلَقَدۡ عَلِمۡنَا ٱلۡمُسۡتَـٔۡخِرِينَ

އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ ތެރެއިން ކުރީގެ (جيل ތަކުގެ) މީހުން ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހަމަކަށަވަރުން، ފަހުން އަންނާނޭ މީހުންވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.


وَإِنَّ رَبَّكَ هُوَ يَحۡشُرُهُمۡۚ إِنَّهُۥ حَكِيمٌ عَلِيمٞ

އަދި ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އެއުރެން محشر އަށް ފޮނުއްވާ ހުށްޓެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.


وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن صَلۡصَٰلٖ مِّنۡ حَمَإٖ مَّسۡنُونٖ

تغيّر ވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ.


وَٱلۡجَآنَّ خَلَقۡنَٰهُ مِن قَبۡلُ مِن نَّارِ ٱلسَّمُومِ

އަދި އޭގެކުރިން ދުމެއްނެތް އަލިފާނުން ތިމަންރަސްކަލާނގެ ޖިންނީން ހެއްދެވީމެވެ.



الصفحة التالية
Icon