فَمَنۢ بَدَّلَهُۥ بَعۡدَ مَا سَمِعَهُۥ فَإِنَّمَآ إِثۡمُهُۥ عَلَى ٱلَّذِينَ يُبَدِّلُونَهُۥٓۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ
ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
فَمَنۡ خَافَ مِن مُّوصٖ جَنَفًا أَوۡ إِثۡمٗا فَأَصۡلَحَ بَيۡنَهُمۡ فَلَآ إِثۡمَ عَلَيۡهِۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
ފަހެ، وصية ކުރާ މީހެއްގެ ފަރާތުން ބޭއިންސާފު ގޮތެއް ނުވަތަ ފާފަވެރިވާ ގޮތެއް ހިނގައިފާނެކަމަށް ބިރުގެން އެއުރެންގެ މެދުގައި (އެބަހީ: ވާރުތަވެރިންގެ މެދުގައި) صلح ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. (އެބަހީ: ކުރިން ނަންގަނެވުނު وصية ބަދަލުކުރުމުގެ ފާފަ އެމީހެއްގެ މައްޗަކަށް ނެތެވެ.) ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ.
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُتِبَ عَلَيۡكُمُ ٱلصِّيَامُ كَمَا كُتِبَ عَلَى ٱلَّذِينَ مِن قَبۡلِكُمۡ لَعَلَّكُمۡ تَتَّقُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
أَيَّامٗا مَّعۡدُودَٰتٖۚ فَمَن كَانَ مِنكُم مَّرِيضًا أَوۡ عَلَىٰ سَفَرٖ فَعِدَّةٞ مِّنۡ أَيَّامٍ أُخَرَۚ وَعَلَى ٱلَّذِينَ يُطِيقُونَهُۥ فِدۡيَةٞ طَعَامُ مِسۡكِينٖۖ فَمَن تَطَوَّعَ خَيۡرٗا فَهُوَ خَيۡرٞ لَّهُۥۚ وَأَن تَصُومُواْ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
(ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.