۞وَقِيلَ لِلَّذِينَ ٱتَّقَوۡاْ مَاذَآ أَنزَلَ رَبُّكُمۡۚ قَالُواْ خَيۡرٗاۗ لِّلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۚ وَلَدَارُ ٱلۡأٓخِرَةِ خَيۡرٞۚ وَلَنِعۡمَ دَارُ ٱلۡمُتَّقِينَ
تقوى ވެރިވި މީހުންނަށް އަންގަވާނެތެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ބާވައިލެއްވީ ކޮންއެއްޗެއް ހެއްޔެވެ؟ އެއުރެން ދަންނަވާނެތެވެ. ހެޔޮގޮތެވެ. މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި آخرة ގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި تقوى ވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!
جَنَّـٰتُ عَدۡنٖ يَدۡخُلُونَهَا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ لَهُمۡ فِيهَا مَا يَشَآءُونَۚ كَذَٰلِكَ يَجۡزِي ٱللَّهُ ٱلۡمُتَّقِينَ
އެއީ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެ ސުވަރުގެތަކަށް އެއުރެން ވަންނާނެތެވެ. އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުރެތެވެ. އެއުރެން އެދޭކަންތައް، އެއުރެންނަށްޓަކައި އެތާނގައިވެއެވެ. تقوى ވެރިންނަށް اللَّه ޖަޒާ ދެއްވަނީ އެފަދައިންނެވެ.
ٱلَّذِينَ تَتَوَفَّىٰهُمُ ٱلۡمَلَـٰٓئِكَةُ طَيِّبِينَ يَقُولُونَ سَلَٰمٌ عَلَيۡكُمُ ٱدۡخُلُواْ ٱلۡجَنَّةَ بِمَا كُنتُمۡ تَعۡمَلُونَ
އެއުރެންނަކީ، ކުށްފާފަތަކުން طاهر ވެގެންވާ حال، ملائكة ން އެއުރެން މަރުގަންނަވާ މީހުންނެވެ. (އެ ހިނދު) އެ ملائكة ން ވިދާޅުވާނެތެވެ. ތިޔަބައިމީހުންގެ މައްޗަށް سلام ހުށްޓެވެ. ތިޔަބައިމީހުން ކޮށްއުޅުނު عمل ތަކުގެ ސަބަބުން، ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ!
هَلۡ يَنظُرُونَ إِلَّآ أَن تَأۡتِيَهُمُ ٱلۡمَلَـٰٓئِكَةُ أَوۡ يَأۡتِيَ أَمۡرُ رَبِّكَۚ كَذَٰلِكَ فَعَلَ ٱلَّذِينَ مِن قَبۡلِهِمۡۚ وَمَا ظَلَمَهُمُ ٱللَّهُ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ
އެއުރެންގެ ގާތަށް ملائكة ން ވަޑައިގަތުމަށް، ނުވަތަ ކަލޭގެފާނުގެ ވެރިރަސްކަލާނގެ (عذاب ގެ) أمر ފުޅު އައުމަށް މެނުވީ އެއުރެން انتظار ކުރޭ ހެއްޔެވެ؟ އެއުރެންގެ ކުރީގެ މީހުންވެސް ކަންތައްކުޅައީ، ހަމައެފަދައިންނެވެ. اللَّه، އެއުރެންނަކަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، އެއުރެންގެ އަމިއްލަ نفس ތަކަށް، އެއުރެން އަނިޔާކުރާކަމުގައި ވޫއެވެ.