أَلَمۡ يَرَوۡاْ إِلَى ٱلطَّيۡرِ مُسَخَّرَٰتٖ فِي جَوِّ ٱلسَّمَآءِ مَا يُمۡسِكُهُنَّ إِلَّا ٱللَّهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ
އުޑުގެ ޖައްވުގައި ކިޔަމަންކުރައްވާފައިވާ ދޫނިތައް، އެއުރެން ނުދެކެނީ ހެއްޔެވެ؟ އެތަކެތި (އުދުހޭ ގޮތުގައި) اللَّه މެނުވީ ނުހިފަހައްޓަވަތެވެ. إيمان ވާ ބަޔަކަށް، ހަމަކަށަވަރުން، އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ.
وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمۡ سَكَنٗا وَجَعَلَ لَكُم مِّن جُلُودِ ٱلۡأَنۡعَٰمِ بُيُوتٗا تَسۡتَخِفُّونَهَا يَوۡمَ ظَعۡنِكُمۡ وَيَوۡمَ إِقَامَتِكُمۡ وَمِنۡ أَصۡوَافِهَا وَأَوۡبَارِهَا وَأَشۡعَارِهَآ أَثَٰثٗا وَمَتَٰعًا إِلَىٰ حِينٖ
އަދި اللَّه، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ. އަދި ތިޔަބައިމީހުންގެ ދަތުރުގެ ދުވަހުގައްޔާއި، ދަތުރުނުކޮށް قائم ވެތިބޭ ދުވަހުގައި، ގެންގުޅުމަށް ލުއި ގެތަކެއް، نعم ސޫފީގެ ހަމުން ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި އެ ތަކެތީގެ ކެހެރިންނާއި، އެ ތަކެތީގެ ލޯލިންނާއި، އެ ތަކެތީގެ އިސްތަށިން، ގެވެހި ސާމާނާއި، ހިފައިގެންގުޅޭ ތަކެތި، ތިޔަބައިމީހުންނަށްޓަކައި، ވަކި މުއްދަތަކަށް ލެއްވިއެވެ.
وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلٗا وَجَعَلَ لَكُم مِّنَ ٱلۡجِبَالِ أَكۡنَٰنٗا وَجَعَلَ لَكُمۡ سَرَٰبِيلَ تَقِيكُمُ ٱلۡحَرَّ وَسَرَٰبِيلَ تَقِيكُم بَأۡسَكُمۡۚ كَذَٰلِكَ يُتِمُّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تُسۡلِمُونَ
އަދި اللَّه، އެކަލާނގެ ހެއްދެވި ތަކެތިން، ހިޔާތައް ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި ތިޔަބައިމީހުން، ރައްކާތެރިކަން ލިބިގަތުމަށް، ވަދެތިބޭނޭ ތަންތަން، ފަރުބަދަތަކުން، ތިޔަބައިމީހުންނަށްޓަކައި ލެއްވިއެވެ. އަދި (ފިނި) ހޫނުކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތަކާއި، ހަނގުރާމައިގެ ނުރައްކާތެރިކަމުން، ތިޔަބައިމީހުން ރައްކާތެރިކޮށްދޭ ފޭރާންތައް، ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ލެއްވިއެވެ. ތިޔަބައިމީހުންގެ މައްޗަށް، އެކަލާނގެ نعمة ފުރިހަމަކޮށްދެއްވަނީ، އެފަދައިންނެވެ. އެއީ، ތިޔަބައިމީހުން ކިޔަމަންވުމަށްޓަކައެވެ.