وَأَلۡقَوۡاْ إِلَى ٱللَّهِ يَوۡمَئِذٍ ٱلسَّلَمَۖ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ

އަދި އެއުރެން އެދުވަހުން، اللَّه އަށް تسليم ކުރާނެތެވެ. އަދި އެއުރެން އަމިއްލަޔަށް ހަދައިގެން އުޅުނު باطل إله ންތައް، އެއުރެންނަށް ގެއްލިގެންދާނެތެވެ.


ٱلَّذِينَ كَفَرُواْ وَصَدُّواْ عَن سَبِيلِ ٱللَّهِ زِدۡنَٰهُمۡ عَذَابٗا فَوۡقَ ٱلۡعَذَابِ بِمَا كَانُواْ يُفۡسِدُونَ

(اللَّه އަށާއި އެކަލާނގެ رسول އާއަށް) كافر ވެ، އަދި اللَّه ގެ މަގުން (އެހެން މީހުން) އެއްކިބާކުރި މީހުންނަށް، عذاب ގެ މައްޗަށް عذاب ތިމަންރަސްކަލާނގެ އިތުރުކުރައްވާ ހުށީމެވެ. އެއީ، އެއުރެން ފަސާދަކޮށް އުޅުނުކަމަށްޓަކައެވެ.


وَيَوۡمَ نَبۡعَثُ فِي كُلِّ أُمَّةٖ شَهِيدًا عَلَيۡهِم مِّنۡ أَنفُسِهِمۡۖ وَجِئۡنَا بِكَ شَهِيدًا عَلَىٰ هَـٰٓؤُلَآءِۚ وَنَزَّلۡنَا عَلَيۡكَ ٱلۡكِتَٰبَ تِبۡيَٰنٗا لِّكُلِّ شَيۡءٖ وَهُدٗى وَرَحۡمَةٗ وَبُشۡرَىٰ لِلۡمُسۡلِمِينَ

އަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވެރިއަކު، ހަމަ އެއުރެންގެ ތެރެއިން އެއުރެންގެ މައްޗަށް ފޮނުއްވާ ދުވަސް ހަނދުމަކުރާށެވެ! އަދި މިބައިމީހުންގެ މައްޗަށް ހެކިވެރިޔަކު ކަމުގައި، ތިމަންރަސްކަލާނގެ، ކަލޭގެފާނު ގެންނަވާ ހުށީމެވެ. އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނުގެ މައްޗަށް ފޮތް ބާވައިލެއްވީމެވެ. (އެއީ) ކޮންމެކަމެއް ބަޔާންކޮށްދެއްވާ ގޮތުގައެވެ. އަދި مسلم ންނަށް އޮތް هداية އެއް ކަމުގައްޔާއި، رحمة އެއް ކަމުގައްޔާއި، އުފާވެރި خبر އެއް ކަމުގައެވެ.


۞إِنَّ ٱللَّهَ يَأۡمُرُ بِٱلۡعَدۡلِ وَٱلۡإِحۡسَٰنِ وَإِيتَآيِٕ ذِي ٱلۡقُرۡبَىٰ وَيَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِ وَٱلۡبَغۡيِۚ يَعِظُكُمۡ لَعَلَّكُمۡ تَذَكَّرُونَ

ހަމަކަށަވަރުން، عدل ވެރިވުމަށާއި، إحسان ތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް اللَّه އަމުރުކުރައްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، منكرات ތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް، وعظ އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.



الصفحة التالية
Icon