وَلَوۡ شَآءَ ٱللَّهُ لَجَعَلَكُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُضِلُّ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَلَتُسۡـَٔلُنَّ عَمَّا كُنتُمۡ تَعۡمَلُونَ
اللَّه އިރާދަކުރެއްވިނަމަ، އެއް أمّة އެއް ކަމުގައި، ތިޔަބައިމީހުން ލައްވައިފީސްކަން ކަށަވަރެވެ. އެހެނެއްކަމަކު، އެކަލާނގެ އިރާދަކުރައްވާ މީހަކު މަގުފުރައްދަވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ. އަދި ތިޔަބައިމީހުން عمل ކޮށް އުޅުނު ކަންތަކާމެދު، ތިޔަބައިމީހުންނާ سوال ކުރައްވާހުށިކަން ކަށަވަރެވެ.
وَلَا تَتَّخِذُوٓاْ أَيۡمَٰنَكُمۡ دَخَلَۢا بَيۡنَكُمۡ فَتَزِلَّ قَدَمُۢ بَعۡدَ ثُبُوتِهَا وَتَذُوقُواْ ٱلسُّوٓءَ بِمَا صَدَدتُّمۡ عَن سَبِيلِ ٱللَّهِ وَلَكُمۡ عَذَابٌ عَظِيمٞ
ތިޔަބައިމީހުންގެ ހުވާތައް، އެއީ ތިޔަބައިމީހުންގެ މެދުގައި ފަސާދަ ކުރުމަށްޓަކައި އޮތް އެއްޗެއް ކަމުގައި ތިޔަބައިމީހުން ނަހަދާށެވެ! ފަހެ، (އެހެންވެއްޖެނަމަ، އެ ހުވާގެ ސަބަބުން) ފައިތިލަ ثابت ވެ ހުރުމަށްފަހު، އެ ފައިތިލަ ކައްސާލައިގެން ހިނގައިދާނެތެވެ. އަދި ތިޔަބައިމީހުން، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށްއުޅުމުގެ ސަބަބުން، مصيبات ގެ ރަހަ ތިޔަބައިމީހުންނަށް ލިބިދާނެތެވެ. އަދި ބޮޑުވެގެންވާ عذاب، ތިޔަބައިމީހުންނަށް ހުށްޓެވެ.
وَلَا تَشۡتَرُواْ بِعَهۡدِ ٱللَّهِ ثَمَنٗا قَلِيلًاۚ إِنَّمَا عِندَ ٱللَّهِ هُوَ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ
އަދި ތިޔަބައިމީހުން، اللَّه ގެ عهد އަށް ކުޑަ އަގެއް ނުގަންނާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ حضرة ގައިވާ އެއްޗެއް އެއީ، ތިޔަބައިމީހުންނަށް އެންމެ ހެޔޮކަން ބޮޑުވެގެންވާ އެއްޗެކެވެ.