ٱدۡعُ إِلَىٰ سَبِيلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَٰدِلۡهُم بِٱلَّتِي هِيَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِيلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ
حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.
وَإِنۡ عَاقَبۡتُمۡ فَعَاقِبُواْ بِمِثۡلِ مَا عُوقِبۡتُم بِهِۦۖ وَلَئِن صَبَرۡتُمۡ لَهُوَ خَيۡرٞ لِّلصَّـٰبِرِينَ
އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.
وَٱصۡبِرۡ وَمَا صَبۡرُكَ إِلَّا بِٱللَّهِۚ وَلَا تَحۡزَنۡ عَلَيۡهِمۡ وَلَا تَكُ فِي ضَيۡقٖ مِّمَّا يَمۡكُرُونَ
އަދި ކަލޭގެފާނު ކެތްކުރައްވާށެވެ! އަދި اللَّه ގެ ވާގިފުޅުން މެނުވީ، ކަލޭގެފާނު ކެތްތެރިވެވަޑައިގަތުމެއް ނުވެތެވެ. އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހިތާމަ ނުކުރައްވާށެވެ! އަދި އެއުރެން ރާވާ މަކަރުވެރި ރޭވުންތަކުން ހިތްޕުޅުދަތިވުމެއްގެ ތެރޭގައި، ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!
إِنَّ ٱللَّهَ مَعَ ٱلَّذِينَ ٱتَّقَواْ وَّٱلَّذِينَ هُم مُّحۡسِنُونَ
ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، تقوى ވެރިވި މީހުންނާ އެކުގައެވެ. އަދި إحسان ތެރިންނާވެސް އެކުގައެވެ.