فَإِذَا جَآءَ وَعۡدُ أُولَىٰهُمَا بَعَثۡنَا عَلَيۡكُمۡ عِبَادٗا لَّنَآ أُوْلِي بَأۡسٖ شَدِيدٖ فَجَاسُواْ خِلَٰلَ ٱلدِّيَارِۚ وَكَانَ وَعۡدٗا مَّفۡعُولٗا
ފަހެ، އެ ދެފަހަރުންކުރެ ފުރަތަމަ ފަހަރުގެ وعد ފުޅު އައިހިނދު، ގަދަފަދަވެގެންވާ ބާރެއްގެވެރި އަޅުންތަކެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ފޮނުއްވީމެވެ. ފަހެ، އެއުރެން (ތިޔަބައިމީހުންގެ ރަށުގެ) ގޯތިގެދޮރުގެ ތެރެޔަށް ވަދެގެންދިޔައޫއެވެ. އަދި ފުރިހަމަވެގެންވާ وعد ފުޅެއްކަމުގައި، އެ وعد ފުޅު ވިއެވެ.
ثُمَّ رَدَدۡنَا لَكُمُ ٱلۡكَرَّةَ عَلَيۡهِمۡ وَأَمۡدَدۡنَٰكُم بِأَمۡوَٰلٖ وَبَنِينَ وَجَعَلۡنَٰكُمۡ أَكۡثَرَ نَفِيرًا
ދެން އެއުރެންގެ މައްޗަށް، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ އެނބުރި އައުމެއް (އެބަހީ: ވެރިކަމާއި ބާރު އަލުން) ދެއްވީމެވެ. އަދި ދަރިންނާއި، މުދާތަކުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވީމެވެ. އަދި މީހުންގެ ގޮތުން، ގިނަބަޔަކު ކަމުގައި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ލެއްވީމެވެ.
إِنۡ أَحۡسَنتُمۡ أَحۡسَنتُمۡ لِأَنفُسِكُمۡۖ وَإِنۡ أَسَأۡتُمۡ فَلَهَاۚ فَإِذَا جَآءَ وَعۡدُ ٱلۡأٓخِرَةِ لِيَسُـُٔواْ وُجُوهَكُمۡ وَلِيَدۡخُلُواْ ٱلۡمَسۡجِدَ كَمَا دَخَلُوهُ أَوَّلَ مَرَّةٖ وَلِيُتَبِّرُواْ مَا عَلَوۡاْ تَتۡبِيرًا
ތިޔަބައިމީހުން ހެޔޮކޮށް ކަންތައް ކުޅަނަމަ، އެ ހެޔޮކަންތައް ކުޅައީ، ހަމަ ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށެވެ. އަދި ނުބައިކޮށް ކަންތައް ކުޅަނަމަވެސް، (އެ ނުބައިކަންތައް ކުޅައީ) ހަމަ އެ نفس ތަކަށެވެ. ފަހެ، ދެވަނަފަހަރަށް وعد ފުޅު އައިހިނދު (ތިޔަބައިމީހުންގެ عداوة ތެރިން ފޮނުއްވީމެވެ.) އެއުރެންގެ ސަބަބުން ތިޔަބައިމީހުންގެ މޫނުމަތިން ހިތާމައިގެ އަސަރުތައް ފާޅުވުމަށްޓަކައެވެ. އަދި ފުރަތަމަ ފަހަރު އެއުރެން އެތަނަށް ވަންފަދައިން، މިސްކިތަށް (އެބަހީ: المسجد الأقصى އަށް) ވަނުމަށްޓަކައެވެ. އަދި އެއުރެން ވެރިވެގަތް ތަންތަން ހަލާކުކޮށް، ސުންނާފަތި ކުރުމަށްޓަކައެވެ.