رَّبُّكُمۡ أَعۡلَمُ بِكُمۡۖ إِن يَشَأۡ يَرۡحَمۡكُمۡ أَوۡ إِن يَشَأۡ يُعَذِّبۡكُمۡۚ وَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ وَكِيلٗا

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުން ދެނެވޮޑިގަތުން ބޮޑެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް رحمة ލައްވާނެތެވެ. ނުވަތަ އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުންނަށް عذاب ދެއްވާނެތެވެ. އަދި އެއުރެންގެ މައްޗަށް ހުންނެވި وكيل އަކު ކަމުގައި، ތިމަންރަސްކަލާނގެ ކަލޭގެފާނު ނުފޮނުއްވަމެވެ.


وَرَبُّكَ أَعۡلَمُ بِمَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَلَقَدۡ فَضَّلۡنَا بَعۡضَ ٱلنَّبِيِّـۧنَ عَلَىٰ بَعۡضٖۖ وَءَاتَيۡنَا دَاوُۥدَ زَبُورٗا

އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ދެނެވޮޑިގަތުން ބޮޑެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، ބައެއް ނަބިއްޔުން އަނެއްބައި ނަބިއްޔުންގެ މައްޗަށް މާތްކުރެއްވީމެވެ. އަދި داود ގެފާނަށް ތިމަންރަސްކަލާނގެ زبور ދެއްވީމެވެ.


قُلِ ٱدۡعُواْ ٱلَّذِينَ زَعَمۡتُم مِّن دُونِهِۦ فَلَا يَمۡلِكُونَ كَشۡفَ ٱلضُّرِّ عَنكُمۡ وَلَا تَحۡوِيلًا

ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެ ފިޔަވައި، إله ންކަމަށް ތިޔަބައިމީހުން ހީކޮށްގެންއުޅޭ ފަރާތްތަކަށް ތިޔަބައިމީހުން ނިކަން ގޮވައިބަލާށެވެ! ފަހެ، ތިޔަބައިމީހުންގެ ކިބައިން ދަތިކަމެއް ފިލުވުމެއްވެސް، އަދި ބަދަލުކުރުމެއްވެސް، އެފަރާތްތަކަކަށް ملك ވެގެނެއް ނުވެތެވެ.


أُوْلَـٰٓئِكَ ٱلَّذِينَ يَدۡعُونَ يَبۡتَغُونَ إِلَىٰ رَبِّهِمُ ٱلۡوَسِيلَةَ أَيُّهُمۡ أَقۡرَبُ وَيَرۡجُونَ رَحۡمَتَهُۥ وَيَخَافُونَ عَذَابَهُۥٓۚ إِنَّ عَذَابَ رَبِّكَ كَانَ مَحۡذُورٗا

إله ންކަމަށް އެއުރެން ގޮވައިއުޅޭ ފަރާތްތައް، އެފަރާތްތަކުގެ ވެރިރަސްކަލާނގެ حضرة އަށް ކުއްތަންވުމުގެ މަގު އެދެތެވެ. އެއުރެންކުރެ އެންމެ ގާތްކަންބޮޑީ، ކާކުތޯބަލައި އެކަމަށް އެދެތެވެ. އަދި އެކަލާނގެ رحمة އަށް އެދެތެވެ. އަދި އެކަލާނގެ عذاب އަށް ބިރުވެތިވޭމެއެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ عذاب އަކީ، އެއަށް ބިރުވެތިވެވޭކަމެއް ކަމުގައިވިއެވެ.



الصفحة التالية
Icon