وَإِن كَادُواْ لَيَسۡتَفِزُّونَكَ مِنَ ٱلۡأَرۡضِ لِيُخۡرِجُوكَ مِنۡهَاۖ وَإِذٗا لَّا يَلۡبَثُونَ خِلَٰفَكَ إِلَّا قَلِيلٗا

އަދި އެއުރެން ހަމަކަށަވަރުން، ކަލޭގެފާނަށް (عداوة ތެރިވެ) އުނދަގޫކޮށް، ކަލޭގެފާނު (مكة ގެ) ބިމުން ބޭރުކޮށްލުމަށް ގާތްކުޅައޫއެވެ. (އެހެންވެއްޖެނަމަ) އޭރުން، ކުޑަވަގުތުކޮޅަކަށް މެނުވީ، ކަލޭގެފާނަށްފަހު އެއުރެންނަކަށް (އެތާކު) ނުތިބެވޭނެތެވެ.


سُنَّةَ مَن قَدۡ أَرۡسَلۡنَا قَبۡلَكَ مِن رُّسُلِنَاۖ وَلَا تَجِدُ لِسُنَّتِنَا تَحۡوِيلًا

(އެއީ) ތިމަންރަސްކަލާނގެ رسول ންގެ ތެރެއިން ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ ފޮނުއްވި رسول ންނާމެދު، ކަންތައް ހިންގެވިގޮތެވެ. އަދި ތިމަންރަސްކަލާނގެ ކަންހިންގަވާގޮތް، އެހެންފަރާތަކަށް އަނބުރައިލެވޭތީވެސް ކަލޭގެފާނަކަށް ފެނިވަޑައެއް ނުގަންނަވާނެތެވެ.


أَقِمِ ٱلصَّلَوٰةَ لِدُلُوكِ ٱلشَّمۡسِ إِلَىٰ غَسَقِ ٱلَّيۡلِ وَقُرۡءَانَ ٱلۡفَجۡرِۖ إِنَّ قُرۡءَانَ ٱلۡفَجۡرِ كَانَ مَشۡهُودٗا

އިރު މެދުން ފިލުމުން، ރޭގަނޑުގެ އަނދިރިކަމާ ހަމަޔަށް، ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! (އެބަހީ: މެންދުރު ނަމާދާއި، عصر ނަމާދާއި، مغرب ނަމާދާއި، عشاء ނަމާދު قائم ކުރައްވާށެވެ!) އަދި ފަތިސްނަމާދު ކުރައްވާށެވެ! ހަމަކަށަވަރުން، ފަތިސްނަމާދަކީ، (ރޭގަނޑުގެ ملائكة ންނާއި ދުވާލުގެ ملائكة ންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެއް ކަމުގައިވިއެވެ.


وَمِنَ ٱلَّيۡلِ فَتَهَجَّدۡ بِهِۦ نَافِلَةٗ لَّكَ عَسَىٰٓ أَن يَبۡعَثَكَ رَبُّكَ مَقَامٗا مَّحۡمُودٗا

އަދި (فرض ފަސްނަމާދުގެ އިތުރަށް) ކަލޭގެފާނަށް خاص ނަމާދެއްގެ ގޮތުގައި، ރޭގަނޑުގެ ބައެއްގައި އެ قرآن ކިޔަވައިވިދާޅުވެ، تهجّد ނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، حمد ލިބިގެންވާ مقام އަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!



الصفحة التالية
Icon