قُل لَّوۡ أَنتُمۡ تَمۡلِكُونَ خَزَآئِنَ رَحۡمَةِ رَبِّيٓ إِذٗا لَّأَمۡسَكۡتُمۡ خَشۡيَةَ ٱلۡإِنفَاقِۚ وَكَانَ ٱلۡإِنسَٰنُ قَتُورٗا
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ رحمة ގެ خزانة ތައް މިލްކުވީނަމަ، ދެންއެހާރުން، ހޭދަކޮށް، ހުސްވެދާނެކަމަށް ބިރުން ތިޔަބައިމީހުން (خرد ނުކޮށް) ހިފެހެއްޓީސްކަން ކަށަވަރެވެ. އަދި ދަހިވެތި މީހަކު ކަމުގައި އިންސާނާ ވިއެވެ.
وَلَقَدۡ ءَاتَيۡنَا مُوسَىٰ تِسۡعَ ءَايَٰتِۭ بَيِّنَٰتٖۖ فَسۡـَٔلۡ بَنِيٓ إِسۡرَـٰٓءِيلَ إِذۡ جَآءَهُمۡ فَقَالَ لَهُۥ فِرۡعَوۡنُ إِنِّي لَأَظُنُّكَ يَٰمُوسَىٰ مَسۡحُورٗا
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ފާޅުވެ ބަޔާންވެގެންވާ ނުވަ معجزة އެއް، موسى ގެފާނަށް ދެއްވީމެވެ. ފަހެ، އެކަލޭގެފާނު އެއުރެންގެ ގާތަށް ވަޑައިގަތްހިނދު (ކަންހިނގިގޮތް) إسـرآءيـل ގެދަރިންކުރެން ކަލޭގެފާނު އައްސަވައި ބައްލަވާށެވެ! ފަހެ، فرعون، އެކަލޭގެފާނަށް ދެންނެވިއެވެ. އޭ موسى ގެފާނެވެ! ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، ކަލޭގެފާނަށް سحر ޖެހިފައިވާ ކަމަށެވެ.
قَالَ لَقَدۡ عَلِمۡتَ مَآ أَنزَلَ هَـٰٓؤُلَآءِ إِلَّا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ بَصَآئِرَ وَإِنِّي لَأَظُنُّكَ يَٰفِرۡعَوۡنُ مَثۡبُورٗا
އެކަލޭގެފާނު ވިދާޅުވިއެވެ! ހަމަކަށަވަރުން، ބަޔާންވެގެންވާ عبرة ތަކެއް ކަމުގައި މި معجزة ތައް ބާވައިލެއްވީ، އުޑުތަކާއި، ބިމުގެ ވެރިރަސްކަލާނގެ ފިޔަވައި އެހެންފަރާތެއް ނޫންކަން ކަލޭ ރަނގަޅަށް ދަންނާނޫއެވެ. އޭ فرعون އެވެ! ހަމަކަށަވަރުން، އަހުރެންނަށް يقين ވަނީ، ކަލެއަކީ ގެއްލި ހަލާކުވެފައިވާ މީހެއް ކަމުގައެވެ.