ٱلۡحَجُّ أَشۡهُرٞ مَّعۡلُومَٰتٞۚ فَمَن فَرَضَ فِيهِنَّ ٱلۡحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي ٱلۡحَجِّۗ وَمَا تَفۡعَلُواْ مِنۡ خَيۡرٖ يَعۡلَمۡهُ ٱللَّهُۗ وَتَزَوَّدُواْ فَإِنَّ خَيۡرَ ٱلزَّادِ ٱلتَّقۡوَىٰۖ وَٱتَّقُونِ يَـٰٓأُوْلِي ٱلۡأَلۡبَٰبِ

حج ގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج فرض ކޮށްގެންފި މީހާ (އެބަހީ: حج ވުމަށް قصد ކޮށް إحرام ބަނދެފިމީހާ، ދަންނާށެވެ!) ފަހެ حج ވުމުގެ ތެރޭގައި جماع ވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއްވެސް ނެތެވެ. އަދި، (اللَّه އީ، ހުރިހާ ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوى އެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!


لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡۚ فَإِذَآ أَفَضۡتُم مِّنۡ عَرَفَٰتٖ فَٱذۡكُرُواْ ٱللَّهَ عِندَ ٱلۡمَشۡعَرِ ٱلۡحَرَامِۖ وَٱذۡكُرُوهُ كَمَا هَدَىٰكُمۡ وَإِن كُنتُم مِّن قَبۡلِهِۦ لَمِنَ ٱلضَّآلِّينَ

ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ލިބޭ فضل ވަންތަވެރިކަމެއް (އެބަހީ: ވިޔަަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން عرفات ން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، المشعرالحرام ގައި (އެބަހީ: مزدلفة ނިމޭތާނގައިވާ قُزَح ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: تلبية ކިޔައި، دعاء ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ.



الصفحة التالية
Icon