وَلَا تَقُولَنَّ لِشَاْيۡءٍ إِنِّي فَاعِلٞ ذَٰلِكَ غَدًا
އަދި ކަލޭގެފާނު އެއްވެސްކަމަކާ ދޭތެރޭގައި، ހަމަކަށަވަރުން، ތިމަންކަލޭގެފާނު މާދަމާ އެކަމެއް ކުރައްވާނަމޭ ވިދާޅުނުވާހުށިކަމެވެ!
إِلَّآ أَن يَشَآءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِيتَ وَقُلۡ عَسَىٰٓ أَن يَهۡدِيَنِ رَبِّي لِأَقۡرَبَ مِنۡ هَٰذَا رَشَدٗا
اللَّه އިރާދަކުރެއްވިއްޔާއޭ ވިދާޅުވެފައި މެނުވީއެވެ. އަދި ކަލޭގެފާނު ހަނދުމަފުޅުނެތިއްޖެ ހިނދެއްގައި، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަ ކުރައްވާށެވެ! އަދި ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާނގެ މިއަށްވުރެ ކައިރި ތެދުމަގަކަށް މިއަޅާއަށް މަގުދައްކަވައިފާށިއެވެ!
وَلَبِثُواْ فِي كَهۡفِهِمۡ ثَلَٰثَ مِاْئَةٖ سِنِينَ وَٱزۡدَادُواْ تِسۡعٗا
އެއުރެންގެ ހޮހަޅައިގައި، އެއުރެން ތިންސަތޭކަ އަހަރާއި އަދި އިތުރަށް ނުވަ އަހަރު ތިބޫއެވެ.
قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا
ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން ތިބި މުއްދަތެއް ދެނެވޮޑިގަތުންބޮޑީ، اللَّه އެވެ. އުޑުތަކާއި، ބިމުގެ غيب (ދެނެވޮޑިގަތުން) ވަނީ، އެކަލާނގެއަށެވެ. އެކަލާނގެ ބައްލަވާވޮޑިގަތުމާއި، އައްސަވާވޮޑިގަތުން ބޮޑުކަމާއެވެ! އެއުރެންނަށް އެކަލާނގެ ފިޔަވައި އެއްވެސް އެހީތެރިޔަކު ނުވެއެވެ. އަދި އެކަލާނގެ حكم ފުޅުގައި އެއްވެސްމީހަކު ބައިވެރިޔެއް ނުކުރައްވަތެވެ.