كِلۡتَا ٱلۡجَنَّتَيۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَيۡـٔٗاۚ وَفَجَّرۡنَا خِلَٰلَهُمَا نَهَرٗا
އެ ދެ ބަގީޗާގައިމެ، މޭވާއައިސް އެއިން އެއްވެސް އެއްޗެއް އުންޏެއް ނުވެއެވެ. އަދި އެ ދެ ބަގީޗާގެ ދެމެދުން ކޯރެއް ހިންގެވީމެވެ.
وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا
އަދި އޭނާއަށް (އެހެނިހެން) މުދާތައްވެސްވެއެވެ. ފަހެ، އޭނާ، އޭނާގެ އެކުވެރިޔާއާ ވާހަކަދައްކަމުން (ބޮޑާވެފައި) ބުންޏެވެ. ކަލެޔަށްވުރެ އަހުރެންގެ މުދާ ގިނައެވެ. އަދި (އަހުރެންގެ ދަށުގައިވާ) މީހުން ގިނަކަމުގެގޮތުން، ގަދަފަދަވެފައި عزّة ބޮޑެވެ.
وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٞ لِّنَفۡسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدٗا
އަދި އޭނާގެ އަމިއްލަ نفس އަށް އަނިޔާވެރިވެގެންވާ حال، އޭނާގެ ބަގީޗާއަށް ވަދެބުންޏެވެ. ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް ނުކުރަމެވެ.
وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا
އަދި قيامة ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެ حضرة އަށް އަހުރެން ރައްދުކުރެއްވިޔަސް މިއަށްވުރެ ރަނގަޅުގޮތް، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.
قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا
(جواب ގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަ ދައްކަމުން އޭނާއަށް ބުންޏެވެ. ވެލިން ކަލޭހައްދަވައި (އެބަހީ: آدم ގެފާނު ހައްދަވައި) ދެން މަނިފޮދަކުން ކަލޭ ހައްދަވައި، ދެން ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ كافر ވީ ހެއްޔެވެ؟