قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا
ކަލޭގެފާނު ވިދާޅުވާށެވެ! عمل ތައް އެންމެބޮޑަށް ގެއްލެނިވެގެންވާ މީހުންގެ خبر، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އަންގަވައިދެއްވަން ހެއްޔެވެ؟
ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا
އެއުރެންނަކީ دنيوى حياة ގައި، އެއުރެންގެ عمل ތައް باطل ވެ، ގެއްލިފައިވާ މީހުންނެވެ. އަދި އެއުރެން ރަނގަޅަށް ކަންތައްކުރާކަމަށް އެއުރެން ހީކުރެތެވެ.
أُوْلَـٰٓئِكَ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ وَلِقَآئِهِۦ فَحَبِطَتۡ أَعۡمَٰلُهُمۡ فَلَا نُقِيمُ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ وَزۡنٗا
އެއުރެންނަކީ، އެއުރެންގެ ވެރިރަސްކަލާނގެ آية ތަކަށާއި، އެކަލާނގެއާ ބައްދަލުވާންޖެހޭނެކަމަށް كافر ވި މީހުންނެވެ. ފަހެ، އެއުރެންގެ عمل ތައް باطل ވެފައިވެއެވެ. ފަހެ، قيامة ދުވަހުން އެއުރެންނަކަށް (އެބަހީ: އެއުރެންގެ عمل ތަކަކަށް) ތިމަންރަސްކަލާނގެ އެއްވެސް ބަރުދަނެއް ނުލައްވާހުށީމެވެެ.
ذَٰلِكَ جَزَآؤُهُمۡ جَهَنَّمُ بِمَا كَفَرُواْ وَٱتَّخَذُوٓاْ ءَايَٰتِي وَرُسُلِي هُزُوًا
އެއީ އެއުރެންގެ ޖަޒާއެއްކަމުގައިވާ ނަރަކައެވެ. އެއީ އެއުރެން كافر ވެ އަދި ތިމަންރަސްކަލާނގެ آية ތަކާއި، ތިމަންރަސްކަލާނގެ رسول ންނީ ފުރައްސާރައެއް ކަމުގައި ހެދިކަމަށްޓަކައެވެ.
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ كَانَتۡ لَهُمۡ جَنَّـٰتُ ٱلۡفِرۡدَوۡسِ نُزُلًا
ހަމަކަށަވަރުން، إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް އެއުރެން ތިބެނިވި ތަނެއްކަމުގައި، فردوس އޭ ކިއުނު ސުވަރުގެތައް ވެއެވެ.