وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا

ކަލޭގެފާނު މިފޮތުން موسى ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، خيار ކުރައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ.


وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا

އަދި ތިމަންރަސްކަލާނގެ طور ފަރުބަދައިގެ ކަނާތްފަރާތުން އެކަލޭގެފާނަށް ނިދާ އިއްވެވީމެވެ. އަދި ބަސް وحى ކުރެއްވުމަށްޓަކައި އެކަލޭގެފާނު ކުއްތަން ކުރެއްވީމެވެ.


وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا

އަދި ތިމަންރަސްކަލާނގެ رحمة ވަންތަކަމުން، އެކަލޭގެފާނުގެ أخ، هارون ގެފާނު ނަބިއްޔަކު ކަމުގައި، އެކަލޭގެފާނަށް ދެއްވީމެވެ.


وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا

ކަލޭގެފާނު މި ފޮތުން إسماعيل ގެފާނުގެ ވާހަކަ ކިޔައިދެއްވާށެވެ! ހަމަކަށަވަރުން، وعد ފުއްދުމުގައި ތެދުވެރިޔަކު ކަމުގައި އެކަލޭގެފާނު ވިއެވެ. އަދި رسول އަކު ކަމުގައްޔާއި، ނަބިއްޔަކު ކަމުގައި އެކަލޭގެފާނުވިއެވެ.


وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا

އަދި އެކަލޭގެފާނުގެ أهل ވެރިންނަށް، ނަމާދު ކުރުމަށާއި، زكاة ދީ އުޅުމަށް، އެކަލޭގެފާނު أمر ކުރައްވާ ކަމުގައިވިއެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، ރުއްސުންލައްވާފައިވާ ބޭކަލަކު ކަމުގައި އެކަލޭގެފާނުވިއެވެ.



الصفحة التالية
Icon