ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ
ދެން ތިމަންރަސްކަލާނގެ އެބޭކަލުންނަށް ކުރެއްވި وعد ފުއްދަވައި ދެއްވީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެބޭކަލުންނާއި، ތިމަންރަސްކަލާނގެ އިރާދަކުރެއްވި ބަޔަކު ސަލާމަތްކުރެއްވީމެވެ. އަދި (ފުރެދުމުގައި) ހައްދުފަހަނަޅައި ދިޔަމީހުން ހަލާކުކުރެއްވީމެވެ.
لَقَدۡ أَنزَلۡنَآ إِلَيۡكُمۡ كِتَٰبٗا فِيهِ ذِكۡرُكُمۡۚ أَفَلَا تَعۡقِلُونَ
ހަމަކަށަވަރުން، ތިޔަބައިމީހުންނަށް عبرة އާއި، نصيحة އޭގައި އެކުލެވިގެންވާ ފޮތެއް، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟
وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ
އަނިޔާވެރިވި ކިތައްކިތައް ރަށުގެ أهل ވެރިން ތިމަންރަސްކަލާނގެ ހަލާކު ކުރެއްވިން ހެއްޔެވެ؟ އަދި އެއުރެންގެ ފަހުން އެހެންބަޔަކު ތިމަންރަސްކަލާނގެ އުފެއްދެވީމެވެ.
فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ
ފަހެ، އެއުރެންނަށް ތިމަންރަސްކަލާނގެ عذاب ގާތްވެއްޖެކަން إحساس ވީހިނދު، އެހާރުން އެއުރެން އެތަނުން ފިލާންދުވެތެވެ.
لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ
(އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުން ފިލާން ނުދުވާށެވެ! އަދި ތިޔަބައިމީހުން އެ نعمة ތަކުގައި އަރާމުކުރާންތިބި نعمة ތަކަށާއި، ތިޔަބައިމީހުންގެ ގެތަކަށް އެނބުރި رجوع ވާށެވެ! (އެއީ) ތިޔަބައިމީހުންނާ ސުވާލު ކުރައްވާނެ ކަމަށްޓަކައެވެ.