وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ
މި قرآن އަކީ، بركات ތެރިވެގެންވާ ހަނދާންކޮށް ދިނުމެކެވެ. ތިމަންރަސްކަލާނގެ އެ ފޮތް ބާވައިލެއްވީމެވެ. ފަހެ، ތިޔަބައިމީހުން އެ ފޮތަށް އިންކާރުކުރަނީ ހެއްޔެވެ؟
۞وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ
އަދި ހަމަކަށަވަރުން، މީގެކުރިން إبراهيم ގެފާނަށް، ތިމަންރަސްކަލާނގެ ހެޔޮ ވިސްނުމާއި، ބުއްދިވެރިކަން ދެއްވީމެވެ. އަދި އެކަލޭގެފާނާމެދު ތިމަންރަސްކަލާނގެ މޮޅަށްދެނެވޮޑިގެންވަމެވެ.
إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ
އެކަލޭގެފާނުގެ ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ، ކޮން ބުދުތަކަކަށް ހެއްޔެވެ؟
قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ
އެއުރެން ދެންނެވޫއެވެ. ތިމަންމެންގެ ކާބަފައިން، އެ ތަކެއްޗަށް އަޅުކަންކުރާތީ ތިމަންމެން ދުށީމުއެވެ.
قَالَ لَقَدۡ كُنتُمۡ أَنتُمۡ وَءَابَآؤُكُمۡ فِي ضَلَٰلٖ مُّبِينٖ
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންވަނީ، ފާޅުވެގެންވާ މަގު ފުރެދުމެއްގައެވެ.
قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّـٰعِبِينَ
އެއުރެން ދެންނެވޫއެވެ. ކަލޭގެފާނު ތިޔަވަޑައިގަތީ، حق ތެދުމަގާއިގެން ހެއްޔެވެ؟ ނުވަތަ ކަލޭގެފާނުވަނީ، ކުޅޭމީހުންގެ ތެރެއިން ހެއްޔެވެ؟