فَكَذَّبُوهُمَا فَكَانُواْ مِنَ ٱلۡمُهۡلَكِينَ
ފަހެ، އެއުރެން އެ ދެބޭކަލުން ދޮގުކުޅައޫއެވެ. ދެން ހަލާކުކުރައްވައި، ނެތިކުރެއްވި މީހުންގެ ތެރެއިން އެއުރެންވޫއެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ لَعَلَّهُمۡ يَهۡتَدُونَ
އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ موسى ގެފާނަށް ފޮތް ދެއްވީމެވެ. (އެއީ) އެއުރެން ތެދުމަގު ލިބިގަތުމަށްޓަކައެވެ.
وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ
އަދި مريم ގެފާނުގެ ދަރިކަލުންނާއި، އެ ދަރިކަލުންގެ މައިކަމަނާ (ކުޅަދުންވަންތަކަމުގެ) ހެތްކެއް ކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. އަދި ހަމަޖެހޭ ދިރިއުޅުމަކާއި، ފެންއާރުތަކެއްގެވެރި އުސްބިމެއްގައި، ތިމަންރަސްކަލާނގެ އެ ދެމައިކަނބަލުންނަށް ހިޔާވަހިކަން ދެއްވީމެވެ.
يَـٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ عَلِيمٞ
(އެކަލާނގެ وحى ކުރެއްވިއެވެ.) އޭ رسول ންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
وَإِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱتَّقُونِ
އަދި ހަމަކަށަވަރުން، މިއީ އެއް أمّة އެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّة އެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ!