أَمۡ لَمۡ يَعۡرِفُواْ رَسُولَهُمۡ فَهُمۡ لَهُۥ مُنكِرُونَ
ނުވަތަ އެއުރެން އެކަލޭގެފާނަށް إنكار ކޮށް، ދެކޮޅުހަދަނީ އެއުރެންގެ رسول އާ، އެއުރެންނަށް ނޭނގެނީ ހެއްޔެވެ؟
أَمۡ يَقُولُونَ بِهِۦ جِنَّةُۢۚ بَلۡ جَآءَهُم بِٱلۡحَقِّ وَأَكۡثَرُهُمۡ لِلۡحَقِّ كَٰرِهُونَ
ނުވަތަ އެކަލޭގެފާނުގެ ކިބައިގައި، މޮޔަކަމެއްވާކަމަށް އެއުރެން ބުނަނީ ހެއްޔެވެ؟ އަދި ކިއެއްތަ! (އެހެންނަކުންނޫނެވެ.) އެއުރެންނަށް އެކަލޭގެފާނު حق ގޮތް ގެނެސްދެއްވިއެވެ. އަދި އެއުރެންކުރެ ގިނަމީހުންނީ، حق އަށް ނުރުހޭބަޔެކެވެ.
وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ
حق قرآن އެއުރެންގެ އެދުންތަކަށް تبع ވީނަމަ، އުޑުތަކާއި، ބިމާއި، އެތާނގައިވާހާ ބަޔަކު ފާސިދުވެ، ނުބައިވެގެން ހިނގައްޖައީހެވެ. އަދި ކިއެއްތަ! ތިމަންރަސްކަލާނގެ އެއުރެންނަށް ހަނދާންކޮށްދެނިވި قرآن ގެނެސްދެއްވީމެވެ. ފަހެ، އެއުރެންނީ އެ قرآن އަށް ފުރަގަސްދީ އެނބުރިގަންނަ ބަޔެކެވެ.
أَمۡ تَسۡـَٔلُهُمۡ خَرۡجٗا فَخَرَاجُ رَبِّكَ خَيۡرٞۖ وَهُوَ خَيۡرُ ٱلرَّـٰزِقِينَ
ނުވަތަ ކަލޭގެފާނު، އެއުރެންގެ ކިބައިން އުޖޫރައަކަށް އެދިވަޑައިގަންނަވަނީތޯއެވެ؟ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވާ ثواب މާހެޔޮކަން ބޮޑެވެ. އަދި އެކަލާނގެއީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.