قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! ބިމާއި، އެތާނގައިވާހާ ބަޔަކާއި، ތަކެއްޗެއް މިލްކުވެގެންވަނީ، ކާކަށްހެއްޔެވެ؟ ތިޔަބައިމީހުން އެކަން ދަންނަކަމުގައި ވާނަމައެވެ.
سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ
އެއުރެން ދަންނަވާނެތެވެ. (މިލްކުވެރިކަންވަނީ) اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން ހަނދުމަ ނުކުރަނީ ހެއްޔެވެ؟
قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ
ކަލޭގެފާނު ވިދާޅުވާށެވެ! ހަތް އުޑުގެ ވެރިޔަކީ، އަދި މާތްވެގެންވާ عرش ގެ ވެރިޔަކީ ކާކުހެއްޔެވެ؟
سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَتَّقُونَ
އެއުރެން ދަންނަވާނެތެވެ. (ވެރިކަންވަނީ) اللَّه އަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، ތިޔަބައިމީހުން (އެކަލާނގެޔަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟
قُلۡ مَنۢ بِيَدِهِۦ مَلَكُوتُ كُلِّ شَيۡءٖ وَهُوَ يُجِيرُ وَلَا يُجَارُ عَلَيۡهِ إِن كُنتُمۡ تَعۡلَمُونَ
ކަލޭގެފާނު ވިދާޅުވާށެވެ! އެފަރާތެއްގެ يدقدرة ފުޅުގައި އެންމެހާ ތަކެތީގެ މިލްކުވެރިކަންވާ ފަރާތަކީ، ކޮބައިހެއްޔެވެ؟ އެންމެހާ ތަކެތި ރައްކާތެރިކުރައްވަނީ، އެކަލާނގެއެވެ. އެކަލާނގެއާ ދެކޮޅަށް (އެއްވެސް މީހަކަށް) ރައްކާތެރިކަމެއް ނުދެވޭނެތެވެ. ތިޔަބައިމީހުން (އެކަން) ދަންނަކަމުގައި ވާނަމައެވެ.