أَوۡ يُلۡقَىٰٓ إِلَيۡهِ كَنزٌ أَوۡ تَكُونُ لَهُۥ جَنَّةٞ يَأۡكُلُ مِنۡهَاۚ وَقَالَ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا
ނުވަތަ އެކަލޭގެފާނަށް خزانة އެއް ބާވައިނުލެއްވީ، ނުވަތަ އެކަލޭގެފާނު އެތަނުން ފަރީއްކުޅުއްވައި އުޅުއްވުމަށް، އެކަލޭގެފާނަށް ބަގީޗާއެއް ނެތީ ކީއްވެގެން ހެއްޔެވެ؟ އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން تبع އެއް ނުވަމުއެވެ.
ٱنظُرۡ كَيۡفَ ضَرَبُواْ لَكَ ٱلۡأَمۡثَٰلَ فَضَلُّواْ فَلَا يَسۡتَطِيعُونَ سَبِيلٗا
ކަލޭގެފާނާމެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖައޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެނެއް ނުވެތެވެ.
تَبَارَكَ ٱلَّذِيٓ إِن شَآءَ جَعَلَ لَكَ خَيۡرٗا مِّن ذَٰلِكَ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ وَيَجۡعَل لَّكَ قُصُورَۢا
އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެއަށްވުރެ ހެޔޮގޮތް ކަލޭގެފާނަށް ލައްވައިދެއްވާ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. (އެއީ) އެތާނގެ ދަށުން ކޯރުތައް ހިނގައިހިނގާ ހުންނަ ސުވަރުގެތަކެވެ. އަދި އެކަލާނގެ (އެތާނގައި) ކަލޭގެފާނަށްޓަކައި ގަނޑުވަރުތައް ލައްވާނެތެވެ.
بَلۡ كَذَّبُواْ بِٱلسَّاعَةِۖ وَأَعۡتَدۡنَا لِمَن كَذَّبَ بِٱلسَّاعَةِ سَعِيرًا
އަދި ކިއެއްތަ! އެއުރެން قيامة ގެ ވަގުތު ދޮގުކުޅައޫއެވެ. އަދި قيامة ގެ ވަގުތު ދޮގުކުޅަމީހަކަށް، އަނދައަނދާ ހުންނަ ނަރަކަ ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.