وَلَا يَأۡتُونَكَ بِمَثَلٍ إِلَّا جِئۡنَٰكَ بِٱلۡحَقِّ وَأَحۡسَنَ تَفۡسِيرًا
އަދި އެއުރެންނަކަށް ކަލޭގެފާނާ އިދިކޮޅަށް އެއްވެސް މިސާލެއް ނުގެނެވޭނެތެވެ. އެހެނެއްކަމަކު، ތިމަންރަސްކަލާނގެ ކަލޭގެފާނަށް حق ބަސްފުޅު ގެނެސްދެއްވައި، އެއަށްވުރެ ސާފު ބަޔާނަކުން ބަޔާންކޮށްދެއްވާހުށީމެވެ.
ٱلَّذِينَ يُحۡشَرُونَ عَلَىٰ وُجُوهِهِمۡ إِلَىٰ جَهَنَّمَ أُوْلَـٰٓئِكَ شَرّٞ مَّكَانٗا وَأَضَلُّ سَبِيلٗا
އެއުރެންގެ މޫނުވަތަށް ނަރަކަޔަށް އެއްކުރައްވާ މީހުން ދަންނާށެވެ! އެއުރެންނީ ތިބޭތަނުގެ ގޮތުން ނުބައިވެގެންވާ ބަޔެކެވެ. އަދި މަގުފުރެދުންވެސް ބޮޑުވެގެންވާ ބަޔެއްމެއެވެ.
وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ وَجَعَلۡنَا مَعَهُۥٓ أَخَاهُ هَٰرُونَ وَزِيرٗا
ހަމަކަށަވަރުން، موسى ގެފާނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ أخ، هارون ގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ.
فَقُلۡنَا ٱذۡهَبَآ إِلَى ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَا فَدَمَّرۡنَٰهُمۡ تَدۡمِيرٗا
ފަހެ، ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަމީހުންގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ފަހެ، ތިމަންރަސްކަލާނގެ އެއުރެން ހަލާކު ކުރައްވައި ނެތިކުރެއްވީމެވެ.
وَقَوۡمَ نُوحٖ لَّمَّا كَذَّبُواْ ٱلرُّسُلَ أَغۡرَقۡنَٰهُمۡ وَجَعَلۡنَٰهُمۡ لِلنَّاسِ ءَايَةٗۖ وَأَعۡتَدۡنَا لِلظَّـٰلِمِينَ عَذَابًا أَلِيمٗا
އަދި نوح ގެފާނުގެ قوم ގެމީހުން، رسول ން ދޮގުކުޅަހިނދު، ތިމަންރަސްކަލާނގެ އެއުރެން غرق ކުރެއްވީމެވެ. އަދި މީސްތަކުންނަށް عبرة އެއްކަމުގައި ތިމަންރަސްކަލާނގެ އެއުރެން ލެއްވީމެވެ. އަދި އަނިޔާވެރިންނަށްޓަކައި، ވޭންދެނިވި عذاب ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވީމެވެ.