وَمَآ أَسۡـَٔلُكُمۡ عَلَيۡهِ مِنۡ أَجۡرٍۖ إِنۡ أَجۡرِيَ إِلَّا عَلَىٰ رَبِّ ٱلۡعَٰلَمِينَ
އަދި އަހުރެން އެ رسول ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.
أَتَأۡتُونَ ٱلذُّكۡرَانَ مِنَ ٱلۡعَٰلَمِينَ
خلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟
وَتَذَرُونَ مَا خَلَقَ لَكُمۡ رَبُّكُم مِّنۡ أَزۡوَٰجِكُمۚ بَلۡ أَنتُمۡ قَوۡمٌ عَادُونَ
ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.
قَالُواْ لَئِن لَّمۡ تَنتَهِ يَٰلُوطُ لَتَكُونَنَّ مِنَ ٱلۡمُخۡرَجِينَ
އެއުރެން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.
قَالَ إِنِّي لِعَمَلِكُم مِّنَ ٱلۡقَالِينَ
އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ.
رَبِّ نَجِّنِي وَأَهۡلِي مِمَّا يَعۡمَلُونَ
އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ!