قَالُواْ نَحۡنُ أُوْلُواْ قُوَّةٖ وَأُوْلُواْ بَأۡسٖ شَدِيدٖ وَٱلۡأَمۡرُ إِلَيۡكِ فَٱنظُرِي مَاذَا تَأۡمُرِينَ

އެއުރެން (އެކަމަނާއަށް) ދެންނެވޫއެވެ. ތިމަންމެންނީ، އާރާއި ބާރުހުރި ގަދަފަދަ ބަޔެކެވެ. ކަންތައް ކުރައްވާނެގޮތް އެނގިވަޑައިގަންނަވާނީ ކަމަނާއަށެވެ. ފަހެ، ކަމަނާ ކުރައްވާނެ أمر އަކާމެދު ވިސްނަވާށެވެ!


قَالَتۡ إِنَّ ٱلۡمُلُوكَ إِذَا دَخَلُواْ قَرۡيَةً أَفۡسَدُوهَا وَجَعَلُوٓاْ أَعِزَّةَ أَهۡلِهَآ أَذِلَّةٗۚ وَكَذَٰلِكَ يَفۡعَلُونَ

އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ. އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.


وَإِنِّي مُرۡسِلَةٌ إِلَيۡهِم بِهَدِيَّةٖ فَنَاظِرَةُۢ بِمَ يَرۡجِعُ ٱلۡمُرۡسَلُونَ

އަދި ހަމަކަށަވަރުން، ތިމަންކަމަނާ އެއުރެންނަށް ހަދިޔާއެއް މިފޮނުއްވަނީއެވެ. ދެން (އެ ހަދިޔާއާއިގެން) ފޮނުވޭމީހުން އެނބުރި އަންނަނީ ކޮންއެއްޗަކާއިގެންތޯ ބައްލަވަން ތިމަންކަމަނާ انتظار ކުރައްވާނަމެވެ.


فَلَمَّا جَآءَ سُلَيۡمَٰنَ قَالَ أَتُمِدُّونَنِ بِمَالٖ فَمَآ ءَاتَىٰنِۦَ ٱللَّهُ خَيۡرٞ مِّمَّآ ءَاتَىٰكُمۚ بَلۡ أَنتُم بِهَدِيَّتِكُمۡ تَفۡرَحُونَ

ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.



الصفحة التالية
Icon