فَسَقَىٰ لَهُمَا ثُمَّ تَوَلَّىٰٓ إِلَى ٱلظِّلِّ فَقَالَ رَبِّ إِنِّي لِمَآ أَنزَلۡتَ إِلَيَّ مِنۡ خَيۡرٖ فَقِيرٞ
ފަހެ، އެކަލޭގެފާނު (އެ ދެ އަންހެނުންގެ ޖަނަވާރުތަކަށްޓަކައި) އެ ދެ އަންހެނުންނަށް ފެންދެއްވިއެވެ. ދެން އެކަލޭގެފާނު އެނބުރި (ގަހެއްގެ) ހިޔަލަށް ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ކޮންމެ ހެވަކަށް ހަމަކަށަވަރުން، މިއަޅާވަނީ ބޭނުންވެގެންނެވެ.
فَجَآءَتۡهُ إِحۡدَىٰهُمَا تَمۡشِي عَلَى ٱسۡتِحۡيَآءٖ قَالَتۡ إِنَّ أَبِي يَدۡعُوكَ لِيَجۡزِيَكَ أَجۡرَ مَا سَقَيۡتَ لَنَاۚ فَلَمَّا جَآءَهُۥ وَقَصَّ عَلَيۡهِ ٱلۡقَصَصَ قَالَ لَا تَخَفۡۖ نَجَوۡتَ مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ. ފަހެ، އެކަލޭގެފާނު އެކަލޭގެފާނުގެ އަރިހަށް (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާގެ އަރިހަށް) ވަޑައިގެން އެކަލޭގެފާނުގެ ވާހަކަ ކިޔައިދެއްވި ހިނދު، އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.
قَالَتۡ إِحۡدَىٰهُمَا يَـٰٓأَبَتِ ٱسۡتَـٔۡجِرۡهُۖ إِنَّ خَيۡرَ مَنِ ٱسۡتَـٔۡجَرۡتَ ٱلۡقَوِيُّ ٱلۡأَمِينُ
އެ ދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއް ކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.