وَمِن رَّحۡمَتِهِۦ جَعَلَ لَكُمُ ٱلَّيۡلَ وَٱلنَّهَارَ لِتَسۡكُنُواْ فِيهِ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
އެކަލާނގެ رحمة ވަންތަކަމުން ތިޔަބައިމީހުން އަރާމުކުރުމަށާއި، އެކަލާނގެ فضل ވަންތަކަމުން ދެއްވާ رزق ހޯދުމަށް މަސައްކަތް ކުރުމަށް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑާއި، ދުވާލު ލެއްވިއެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
وَيَوۡمَ يُنَادِيهِمۡ فَيَقُولُ أَيۡنَ شُرَكَآءِيَ ٱلَّذِينَ كُنتُمۡ تَزۡعُمُونَ
އަދި އެއުރެންނަށް (އެބަހީ: مشرك ންނަށް) އެކަލާނގެ ނިދާ އިއްވަވާ ދުވަސް (ހަނދުމަކުރާށެވެ!) ފަހެ، އެކަލާނގެ (އެދުވަހުން އެއުރެން ދެރަކޮށްލެއްވުމުގެގޮތުން) وحى ކުރައްވާނެތެވެ. ތިމަންރަސްކަލާނގެއަށްވާ شريك ން ކަމުގައި ތިޔަބައިމީހުން ހީކޮށްއުޅުނު ތަކެތި ކޮބައިހެއްޔެވެ؟
وَنَزَعۡنَا مِن كُلِّ أُمَّةٖ شَهِيدٗا فَقُلۡنَا هَاتُواْ بُرۡهَٰنَكُمۡ فَعَلِمُوٓاْ أَنَّ ٱلۡحَقَّ لِلَّهِ وَضَلَّ عَنۡهُم مَّا كَانُواْ يَفۡتَرُونَ
އަދި ތިމަންރަސްކަލާނގެ ކޮންމެ أمّة އަކުން ހެކިވާނޭ މީހަކު ނެރުއްވާ ހުށީމެވެ. (އެއީ އެ أمّة ގެ ނަބިއްޔާއެވެ.) ދެން ތިމަންރަސްކަލާނގެ (أمّة ތަކަށް) وحى ކުރައްވާ ހުށީމެވެ. ތިޔަބައިމީހުންގެ ދަލީލު ތިޔަބައިމީހުން ގެންނާށެވެ! ފަހެ، އެހިނދު (إله ވަންތަކަން) حق ވެގެންވަނީ (ހަމައެކަނި) اللَّه އަށްކަން އެއުރެންނަށް އެނގޭނެތެވެ. އަދި އެއުރެން އަމިއްލައަށް ހަދައިގެން އުޅުނު ދޮގުތައް އެއުރެންނަށް ގެއްލި ހިނގައިދާނެތެވެ.