قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ
އޭނާ ބުންޏެވެ. ތިމަންނާއަށް އެ މުދާ ލިބުނުކަން ކަށަވަރީ، ތިމަންގެ ކިބައިގައިވާ علم ވެރިކަމަކުންނެވެ. ހަމަކަށަވަރުން، އޭނާގެ ކުރިން އިސްވެދިޔަ جيل ތަކުން އޭނާޔަށްވުރެ މާވަރުގަދަ އަދި މުދާ ގިނަމީހުން اللَّه ހަލާކުކުރެއްވިކަން އޭނާޔަށް ނޭނގެނީހެއްޔެވެ؟ އަދި ކުށްވެރިންނަކަށް، އެއުރެންގެ ފާފަތަކާމެދު سؤال އެއް ނުކުރައްވާނެތެވެ. (އެބަހީ: އެއުރެންނާ سؤال ކުރެއްވުމުގެ ބޭނުމެއްނެތެވެ. اللَّه ހުރިހާކަމެއް ދެނެވޮޑިގެންވެތެވެ.)
فَخَرَجَ عَلَىٰ قَوۡمِهِۦ فِي زِينَتِهِۦۖ قَالَ ٱلَّذِينَ يُرِيدُونَ ٱلۡحَيَوٰةَ ٱلدُّنۡيَا يَٰلَيۡتَ لَنَا مِثۡلَ مَآ أُوتِيَ قَٰرُونُ إِنَّهُۥ لَذُو حَظٍّ عَظِيمٖ
ފަހެ، އޭނާ (އެބަހީ: قارون) އޭނާގެ މުއްސަނދިކަމާއި ޒީނަތްތެރިކަމާއެކު، އޭނާގެ قوم ގެ ތެރެޔަށް ނުކުތެވެ. ދުނިޔޭގެ ދިރިއުޅުން އެދޭމީހުން ބުނޫއެވެ. قارون އަށް ލިބުނުފަދަ މުއްސަނދިކަމެއް ތިމަންމެންނަށްވެސް ލިބުނުނަމަ، ކިހާރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ބޮޑުވެގެންވާ نصيب އެއްގެ ވެރިޔެއްކަން ކަށަވަރެވެ.
وَقَالَ ٱلَّذِينَ أُوتُواْ ٱلۡعِلۡمَ وَيۡلَكُمۡ ثَوَابُ ٱللَّهِ خَيۡرٞ لِّمَنۡ ءَامَنَ وَعَمِلَ صَٰلِحٗاۚ وَلَا يُلَقَّىٰهَآ إِلَّا ٱلصَّـٰبِرُونَ
އަދި علم ލިބިގެންވާ މީހުން ބުނޫއެވެ. ތިޔަބައިމީހުންނަށް ހަލާކުހުށްޓެވެ. إيمان ވެ صالح عمل ކުޅަމީހަކަށް، اللَّه ގެ ثواب (قارون ގެ މުދާވެރިކަމަށްވުރެ) މާހެޔޮކަން ބޮޑެވެ. އަދި ކެތްތެރިންނަށް މެނުވީ، އެ ދަރަޖައެއް ނުލިބޭނެތެވެ.