فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

ފަހެ، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) قوم ގެމީހުންގެ ޖަވާބު ކަމުގައި، އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުން އެކަލޭގެފާނު قتل ކޮށްލާށެވެ! ނުވަތަ އެކަލޭގެފާނު އަންދައިލާށެވެ! ފަހެ، اللَّه، އެކަލޭގެފާނު އަލިފާނުން ސަލާމަތްކުރެއްވިއެވެ. ހަމަކަށަވަރުން، إيمان ވާ ބަޔަކަށް އެކަންތަކުގައި ހެކިތަކެއްވާކަން ކަށަވަރެވެ.


وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ

އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. اللَّه ފިޔަވައި އަޅުކަންކުރުމަށް ތިޔަބައިމީހުން ހިފިކަން ކަށަވަރީ ބުދުތަކެކެވެ. އެއީ ދުނިޔޭގެ حياة ގައި ތިޔަބައިމީހުންގެ މެދުގައި އެކުވެރިކަން ދެމިއޮތުމަށްޓަކައެވެ. ދެން އެއަށްފަހު، قيامة ދުވަހުން ތިޔަބައިމީހުންގެ ތެރެއިން އެއްބަޔަކު، އަނެއްބަޔަކަށް كافر ވާނެތެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް لعنة ލެއްވުމަށް އެދޭނެތެވެ. އަދި ތިޔަބައިމީހުން ތިބެނިވި ތަނަކީ ނަރަކަޔެވެ. އަދި (އެދުވަހުން) ތިޔަބައިމީހުންނަށް نصر ދޭނޭ އެއްވެސް ބަޔަކު ނުވެތެވެ.


۞فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ

ފަހެ، لوط ގެފާނު، އެކަލޭގެފާނުގެ (އެބަހީ: إبراهيم ގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: إبراهيم ގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރަސްކަލާނގެ އެންގެވިފަރާތަށް ތިމަން، هجرة އަށް މިދަނީއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon