وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ٱلشَّيۡطَٰنُ يَدۡعُوهُمۡ إِلَىٰ عَذَابِ ٱلسَّعِيرِ
އަދި اللَّه ބާވައިލެއްވި އެއްޗަކަށް ތިޔަބައިމީހުން تبع ވާށޭ އެއުރެންގެ ގާތުގައި ބުނެފިނަމަ، އެއުރެން ބުނާނެތެވެ. އަދި ކީއްހެއްޔެވެ؟ ތިމަންމެން تبع ވާހުށީ، ތިމަންމެންގެ ކާބަފައިން އެގޮތެއްގެ މަތީގައި ތިބޭތީ ތިމަންމެންނަށް ފެނުނު ގޮތަށެވެ. ފަހެ، ނަރަކައިގެ عذاب އަށް شيطان އާ އެއުރެންނަށް ގޮވާކަމުގައިވިޔަސް ހެއްޔެވެ؟
۞وَمَن يُسۡلِمۡ وَجۡهَهُۥٓ إِلَى ٱللَّهِ وَهُوَ مُحۡسِنٞ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰۗ وَإِلَى ٱللَّهِ عَٰقِبَةُ ٱلۡأُمُورِ
إحسان ތެރިވެ ހުންނަ حال، اللَّه އަށް ކިޔަމަންވެ ކުރިމަތިލާ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ އެންމެ ވަރުގަދަ عقيدة ގައި ހިފަހައްޓައިފިކަން ކަށަވަރެވެ. އަދި ކަންކަމުގެ ނިމުންވަނީ اللَّه ގެ حضرة އަށެވެ.
وَمَن كَفَرَ فَلَا يَحۡزُنكَ كُفۡرُهُۥٓۚ إِلَيۡنَا مَرۡجِعُهُمۡ فَنُنَبِّئُهُم بِمَا عَمِلُوٓاْۚ إِنَّ ٱللَّهَ عَلِيمُۢ بِذَاتِ ٱلصُّدُورِ
އަދި كافر ވިމީހާ، އޭނާގެ كافر ކަމުން ކަލޭގެފާނު ހިތާމަވެރިކުރުވިޔަ ނުދެއްވާށެވެ! އެއުރެން އެނބުރި رجوع ވާހުށީ، ހަމަ ތިމަންރަސްކަލާނގެ حضرة އަށެވެ. ފަހެ، އޭރުން އެއުރެން ކުރި عمل ތަކުގެ خبر ތިމަންރަސްކަލާނގެ އެއުރެންނަށް އަންގަވާހުށީމެވެ. ހަމަކަށަވަރުން، اللَّه އީ، ހިތްތަކުގައިވާހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.