أَنِ ٱعۡمَلۡ سَٰبِغَٰتٖ وَقَدِّرۡ فِي ٱلسَّرۡدِۖ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ بَصِيرٞ
(ތިމަންރަސްކަލާނގެ އެކަލޭގެފާނަށް وحى ކުރެއްވީމެވެ.) ތިމާމެންގެ ހަށިތައް ނިވައިކޮށް ރައްކާތެރިކުރާ ދަހަނާތައް ހައްދަވާށެވެ! އަދި ދަހަނާތައް ހެއްދެވުމުގައި، މިންތައް ބައްލަވައި، ރަނގަޅަށް ހަމަކުރައްވާށެވެ! އަދި ތިޔަބައިމީހުން صالح عمل ކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ
އަދި سليمان ގެފާނަށް ތިމަންރަސްކަލާނގެ ވައިރޯޅި ކިޔަމަންކުރެއްވީމެވެ. އެ ވައިރޯޅީގެ ހެނދުނުގެ (އެބަހީ: މެންދުރުކުރީގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި އެ ވައިރޯޅީގެ ހަވީރުގެ (އެބަހީ: މެންދުރުފަހުގެ) ދަތުރަކީ މަސްދުވަހުގެ ރާސްތާއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ރަތުލޯވިރުވައި ދެއްވީމެވެ. އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ أمر ފުޅާއެކު، އެކަލޭގެފާނުގެ ކުރިފުޅުމަތީގައި މަސަައްކަތްކުރާ ބަޔަކު، ޖިންނީންގެ ތެރެއިން ލެއްވީމެވެ. އެ ޖިންނީންގެ ތެރެއިން، ތިމަންރަސްކަލާނގެ أمر ފުޅުން އެއްކިބާވެ، ނުކިޔަމަންތެރިވާ ބަޔަކަށް، ނަރަކައިގެ ހުޅުގަނޑުގެ عذاب ގެ ރަހަ ތިމަންރަސްކަލާނގެ ދައްކަވާހުށީމެވެ. (ނޯޓު: ވައިރޯޅީގެ މަސްދުވަހުގެ ދަތުރޭ ބުނެވުނީ ފައިމަގުގައި ހިނގާ ދަތުރުވެރިޔަކަށް މަސްދުވަހުން ދެވޭހާހިސާބަށް ވައިރޯޅީގެ ބޭނުންކުރައްވައިގެން ހެނދުނު ދަތުރެއް، ހަވީރު ދަތުރެއް ކުރެއްވޭނެގޮތް، اللَّه، سليمان ގެފާނަށް މެދުވެރިކޮށްދެއްވުމަށެވެ.)