فَأَعۡرَضُواْ فَأَرۡسَلۡنَا عَلَيۡهِمۡ سَيۡلَ ٱلۡعَرِمِ وَبَدَّلۡنَٰهُم بِجَنَّتَيۡهِمۡ جَنَّتَيۡنِ ذَوَاتَيۡ أُكُلٍ خَمۡطٖ وَأَثۡلٖ وَشَيۡءٖ مِّن سِدۡرٖ قَلِيلٖ
ދެން އެއުރެން (އެކަލާނގެ نعمة އަށް) ފުރަގަސްދިނޫއެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންގެމައްޗަށް ފައިބައިގެން އަންނަ ބޮޑުވެގެންވާ ފެންގަނޑު (އެބަހީ: سيل العرِم) ފޮނުއްވީމެވެ. އަދި އެއުރެންގެ ދެ ބަގީޗާގެ ބަދަލުގައި، އެއުރެންނަށް ތިމަންރަސްކަލާނގެ އެހެން ދެ ބަގީޗާ ދެއްވީމެވެ. ކާންނުކެރޭފަދަ ހިތި މޭވާގެ ގަސްތަކަކާއި، މޭވާއެއްނެތް ކަށިގަސްތަކަކާއި، އެތަންމިތާނގައި ވަރަށްމަދު ކުންނާރު ގަސްތަކެއްހުރި ދެ ބަގީޗާއެވެ.
ذَٰلِكَ جَزَيۡنَٰهُم بِمَا كَفَرُواْۖ وَهَلۡ نُجَٰزِيٓ إِلَّا ٱلۡكَفُورَ
އެ ޖަޒާ އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވީ، އެއުރެން كافر ވުމުގެ ސަބަބުންނެވެ. كافر ވާ މީހުންނަށް މެނުވީ، ތިމަންރަސްކަލާނގެ އެފަދަ ޖަޒާ ދެއްވަމުހެއްޔެވެ؟
وَجَعَلۡنَا بَيۡنَهُمۡ وَبَيۡنَ ٱلۡقُرَى ٱلَّتِي بَٰرَكۡنَا فِيهَا قُرٗى ظَٰهِرَةٗ وَقَدَّرۡنَا فِيهَا ٱلسَّيۡرَۖ سِيرُواْ فِيهَا لَيَالِيَ وَأَيَّامًا ءَامِنِينَ
އަދި ތިމަންރަސްކަލާނގެ އެ ރަށްތަކުގައި بركات ލެއްވި ރަށްތަކާއި، އެއުރެންނާ ދެމެދުގައި (ލޮލަށް ފެންނަހާ ކައިރީގައި) ފާޅުވެގެންވާ ރަށްތަކެއް ލެއްވީމެވެ. އަދި އެ ރަށްތަކުގައި ހިނގާބިނގާއުޅުން ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. (ތިމަންރަސްކަލާނގެ އެއުރެންނަށް وحى ކުރެއްވީމެވެ.) ރޭތަކަކާއި، ދުވަސްތަކެއް ވަންދެން އަމާންކަން ލިބިގެންވާ حال، ތިޔަބައިމީހުން އެ ރަށްތަކުގައި ހިނގާބިނގާ ދަތުރުފަތުރުކޮށް އުޅޭށެވެ!