الٓمٓ

ا ل م (މި އަކުރުތަކާއި ބައެއް سورة ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، علم ވެރިންގެ މެދުގައި خلاف ހުށްޓެވެ. ބައެއް علم ވެރިން ވިދާޅުވަނީ، ކީރިތި قرآن އެކުލެވިގެންވަނީ، عربى ންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، قرآن ގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ آية އަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސްނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.)


ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُ

اللَّه އީ، އެކަލާނގެ ފިޔަވައި (حق ވެގެން އަޅުކަމެއްވެވޭ) إله އަކު ނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.


نَزَّلَ عَلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ مُصَدِّقٗا لِّمَا بَيۡنَ يَدَيۡهِ وَأَنزَلَ ٱلتَّوۡرَىٰةَ وَٱلۡإِنجِيلَ

ކުރީގެ ފޮތްތައް ތެދުކުރާ حال ގައި، حق ގޮތުގައި ކަލޭގެފާނަށް އެކަލާނގެ ފޮތް (އެބަހީ: ކީރިތި قرآن) ބާވައިލެއްވިއެވެ. އަދި توراة އާއި إنجيل ވެސް ބާވައިލެއްވިއެވެ.


مِن قَبۡلُ هُدٗى لِّلنَّاسِ وَأَنزَلَ ٱلۡفُرۡقَانَۗ إِنَّ ٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ لَهُمۡ عَذَابٞ شَدِيدٞۗ وَٱللَّهُ عَزِيزٞ ذُو ٱنتِقَامٍ

(އެއީ) قرآن ގެ ކުރިންނެވެ. (އެއީ) މީސްތަކުންނަށްހުރި هداية އެކެވެ. އަދި، އެކަލާނގެ، حق އާއި باطل ވަކިކުރަނިވި ފޮތް (އެބަހީ: قرآن) ބާވައިލެއްވިއެވެ. ހަމަކަށަވަރުން، اللَّه ގެ آية ތަކަށް كافر ވި މީހުންނަށް ގަދަވެގެންވާ عذاب ހުށްޓެވެ. اللَّه އީ، ބަދަލު ހިއްޕެވުމުގެ ވެރި، ގަދަފަދަވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon