الٓرۚ كِتَٰبٌ أُحۡكِمَتۡ ءَايَٰتُهُۥ ثُمَّ فُصِّلَتۡ مِن لَّدُنۡ حَكِيمٍ خَبِيرٍ

ا ل ر (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (މިއީ) ފޮތެކެވެ. އެ ފޮތުގެ آية ތައްވަނީ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭގޮތުގައި ފުރިހަމަ نظام އަކުން تنظيم ކުރައްވާފައެވެ. އަދި އެ (ފޮތުގައިވާ ހުރިހާ ތަކެއްޗެއް) ވަނީ تفصيل ކޮށް ބަޔާންކުރައްވާފައެވެ. (އެއީ) މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ حضرة ންނެވެ.


أَلَّا تَعۡبُدُوٓاْ إِلَّا ٱللَّهَۚ إِنَّنِي لَكُم مِّنۡهُ نَذِيرٞ وَبَشِيرٞ

(އެއީ) ތިޔަބައިމީހުން اللَّه އަށް މެނުވީ، އަޅުކަން ނުކުރުމަށެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވެވި، ބިރުވެރިކަމުގެ خبر ދެއްވާ، އަދި އުފާވެރިކަމުގެ خبر ދެއްވާ رسول އަކީމެވެ.


وَأَنِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُمَتِّعۡكُم مَّتَٰعًا حَسَنًا إِلَىٰٓ أَجَلٖ مُّسَمّٗى وَيُؤۡتِ كُلَّ ذِي فَضۡلٖ فَضۡلَهُۥۖ وَإِن تَوَلَّوۡاْ فَإِنِّيٓ أَخَافُ عَلَيۡكُمۡ عَذَابَ يَوۡمٖ كَبِيرٍ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން ފާފަފުއްސެވުން ތިޔަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިޔަބައިމީހުން توبة ވާށެވެ! އޭރުން ކަނޑައެޅިގެންވާ أجل ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިޔަބައިމީހުން ލަހައްޓަވާނެތެވެ. އަދި عمل އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި عمل އެއްގެ ޖަޒާ (قيامة ދުވަހުން) އެކަލާނގެ ދެއްވާނެތެވެ. ތިޔަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ عذاب އާމެދު، ތިޔަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.



الصفحة التالية
Icon