وَٱلنَّجۡمِ إِذَا هَوَىٰ
އޮއްސިގެންދާހިނދު، ތަރި ގަންދެއްވައި وحى ކުރައްވަމެވެ.
مَا ضَلَّ صَاحِبُكُمۡ وَمَا غَوَىٰ
ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ: محمد ގެފާނު) حق ގެމަގުން އެއްކިބާވެވަޑައެއް ނުގަންނަވައެވެ. އަދި باطل اعتقاد އެއް ނުކުރައްވައެވެ.
وَمَا يَنطِقُ عَنِ ٱلۡهَوَىٰٓ
އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ.
إِنۡ هُوَ إِلَّا وَحۡيٞ يُوحَىٰ
އެއީ އެކަލޭގެފާނަށް އިއްވަވާ وحى އެއްކަމުގައި ނޫނީ ނުވެތެވެ.
عَلَّمَهُۥ شَدِيدُ ٱلۡقُوَىٰ
ބާރުގަދަ ملائكة އަކު، އެކަލޭގެފާނަށް އެ (وحى) އުނގަންނައިދެއްވިއެވެ.
ذُو مِرَّةٖ فَٱسۡتَوَىٰ
(އެ ملائكة އަކީ) ވިސްނުންތެރިކަމުގެ ވެރިޔެކެވެ. ފަހެ، އެ ملائكة އާ އެކަލޭގެފާނުގެ أصل صورة ގައި قائم ވެވަޑައިގެން ހުންނެވިއެވެ.
وَهُوَ بِٱلۡأُفُقِ ٱلۡأَعۡلَىٰ
(އެހިނދު) އެ ملائكة އާ ވަނީ، އެންމެމަތީ އުދަރެހުގައެވެ.
ثُمَّ دَنَا فَتَدَلَّىٰ
ދެން އެ ملائكة އާ (رسول އާއާ) އަރިސްވެވަޑައިގަތެވެ. ދެން އެއަށްވުރެވެސް އަރިސްވެވަޑައިގަތެވެ.