قَدۡ سَمِعَ ٱللَّهُ قَوۡلَ ٱلَّتِي تُجَٰدِلُكَ فِي زَوۡجِهَا وَتَشۡتَكِيٓ إِلَى ٱللَّهِ وَٱللَّهُ يَسۡمَعُ تَحَاوُرَكُمَآۚ إِنَّ ٱللَّهَ سَمِيعُۢ بَصِيرٌ
ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
ٱلَّذِينَ يُظَٰهِرُونَ مِنكُم مِّن نِّسَآئِهِم مَّا هُنَّ أُمَّهَٰتِهِمۡۖ إِنۡ أُمَّهَٰتُهُمۡ إِلَّا ٱلَّـٰٓـِٔي وَلَدۡنَهُمۡۚ وَإِنَّهُمۡ لَيَقُولُونَ مُنكَرٗا مِّنَ ٱلۡقَوۡلِ وَزُورٗاۚ وَإِنَّ ٱللَّهَ لَعَفُوٌّ غَفُورٞ
ތިޔަބައިމީހުންކުރެ އަނބިންނަށް ظهار ކުރާމީހުން (ދަންނާށެވެ!) އެކަނބަލުންނަކީ، ތިޔަބައިމީހުންގެ މައިންނެއްނޫނެވެ. އެއުރެންވިހޭ ކަނބަލުން މެނުވީ، އެއުރެންގެ މައިންކަމުގައި ނުވެތެވެ. އަދި ހަމަކަށަވަރުން، އެއުރެން އެ ބުނަނީ مُنكَر ބަހެކެވެ. އަދި ދޮގެކެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.
وَٱلَّذِينَ يُظَٰهِرُونَ مِن نِّسَآئِهِمۡ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحۡرِيرُ رَقَبَةٖ مِّن قَبۡلِ أَن يَتَمَآسَّاۚ ذَٰلِكُمۡ تُوعَظُونَ بِهِۦۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِيرٞ
އަދި އެއުރެންގެ އަނބިންނަށް ظهار ކޮށް، ދެން އެއުރެން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭމީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާހުށިކަމެވެ! އެއީ ތިޔަބައިމީހުންނަށް އެކަމަށް نصيحة ދެއްވާގޮތެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.