يَـٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ

އޭ ނަބިއްޔާއެވެ! اللَّه، ކަލޭގެފާނަށް حلال ކުރައްވާފައިވާ ކަމެއް، ކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ ރުހުން ހޯއްދެވުމަށްޓަކައި ކަލޭގެފާނު حرام ކުރައްވަނީ ކީއްވެގެންތޯއެވެ؟ اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.


قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ

ތިޔަބައިމީހުންގެ ހުވާތަކުން ބަރީއަވާނޭގޮތް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށްޓަކައި اللَّه ކަނޑައަޅުއްވައިފިއެވެ. اللَّه އީ، ތިޔަބައިމީހުންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.


وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ

ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: حفصة ގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (عائشة ގެފާނަށް) خبر ކުރެއްވިހިނދު، އަދި اللَّه، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު خبر ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި خبر ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ خبر އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ.



الصفحة التالية
Icon