أَلَمۡ تَرَ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ مَا يَكُونُ مِن نَّجۡوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَآ أَدۡنَىٰ مِن ذَٰلِكَ وَلَآ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَيۡنَ مَا كَانُواْۖ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗާއި، ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައިނުގަންނަވަމުތޯއެވެ؟ ތިންމީހަކު ސިއްރު ސައްލާއެއް ކުރާހިނދު، އެއުރެންގެ ހަތަރުވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި ފަސްމީހަކު ސައްލާ ކުރާހިނދު، ހަވަނަޔަށް އެކަލާނގެ ވޮޑިގެންނުވާ އެއްވެސް ސައްލާއެއް ނުވެތެވެ. އަދި އެއަށްވުރެ މަދު، ނުވަތަ ގިނަ عدد އަކަށް ކޮންމެ ތަނެއްގައި އެއުރެންވިޔަސް، އެއުރެންނާއެކު اللَّه ވޮޑިގެންނުވާ ތަނެއްނުވެއެވެ. ދެން އެއުރެން ކޮށްއުޅުނު عمل ތަކުގެ ވާހަކައިން قيامة ދުވަހުން އެއުރެންނަށް އެކަލާނގެ خبر އަންގަވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
أَلَمۡ تَرَ إِلَى ٱلَّذِينَ نُهُواْ عَنِ ٱلنَّجۡوَىٰ ثُمَّ يَعُودُونَ لِمَا نُهُواْ عَنۡهُ وَيَتَنَٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِۖ وَإِذَا جَآءُوكَ حَيَّوۡكَ بِمَا لَمۡ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيٓ أَنفُسِهِمۡ لَوۡلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ يَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِيرُ
ސިއްރު ސައްލާކޮށް އުޅުން އެއުރެންނަށް ނަހީކުރައްވާފައިވާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ ދެން އެއުރެންނަށް ނަހީކުރެއްވި ކަންތައް ކުރުމަށް އެއުރެން އެނބުރި އާދެއެވެ. އަދި ފާފަވެރިކަމާއި، عداوة ތެރިކަމާއި، رسول އާއަށް ނުކިޔަމަންތެރިވުމަށް އެއުރެން ސިއްރު ސައްލާ ކުރެތެވެ. އަދި އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނަހިނދު، ކަލޭގެފާނަށް اللَّه سلام وحى ނުކުރައްވާ ބަހަކުން އެއުރެން ކަލޭގެފާނަށް سلام ދަންނަވަތެވެ. އަދި އެއުރެންގެ އަމިއްލަ نفس ތަކަށް އެއުރެން ބުނެތެވެ. ތިމަންމެން މިކިޔާ އެއްޗަކަށްޓަކައި اللَّه ތިމަންމެންނަށް عذاب ނުދެއްވަނީ ކީއްވެގެންހެއްޔެވެ؟ ނަރަކަ އެއުރެންނަށް ފުދެއެވެ. އެތަނަށް އެއުރެން ވަންނާނެތެވެ. ފަހެ، އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.