لَا يُقَٰتِلُونَكُمۡ جَمِيعًا إِلَّا فِي قُرٗى مُّحَصَّنَةٍ أَوۡ مِن وَرَآءِ جُدُرِۭۚ بَأۡسُهُم بَيۡنَهُمۡ شَدِيدٞۚ تَحۡسَبُهُمۡ جَمِيعٗا وَقُلُوبُهُمۡ شَتَّىٰۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَعۡقِلُونَ
ރައްކާތެރި ކުރައްވާފައިވާ ރަށްތަކެއްގައި ތިބެގެން، ނުވަތަ ފާރުތަކެއްގެ ނިވަލުގައި ތިބެގެން މެނުވީ، އެއުރެން އެންމެން އެކުގައި (ނުކުމެ) ތިޔަބައިމީހުންނަކާ ހަނގުރާމައެއް ނުކުރާނެތެވެ. އެއުރެންގެ މެދުގައި ހިނގާ ހަނގުރާމަ ގަދަފަދަ ވެގެންވެއެވެ. އެއުރެންގެ ހިތްތައް ބައިބައިވެގެންވާ حال، ތިބާ ހީކުރަނީ، އެއުރެންނީ، އެންމެން އެކަތިގަނޑަކަށްވެފައިވާ ބަޔެއްކަމުގައެވެ. އެއީ، އެއުރެންނީ، ނުވިސްނޭ ބަޔަކުކަމުގައިވާ ކަމަށްޓަކައެވެ.
كَمَثَلِ ٱلَّذِينَ مِن قَبۡلِهِمۡ قَرِيبٗاۖ ذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ
އެއުރެންނަށްވުރެ ތަންކޮޅެއްކުރިން އުޅުނު މީހުން ފަދައިންނެވެ. އެއުރެންގެ ނުބައި عمل ގެ ރަހަ، އެއުރެންނަށް ލިބުނެވެ. އަދި އެއުރެންނަށް (آخرة ގައި) ވޭންދެނިވި عذاب ހުށްޓެވެ.
كَمَثَلِ ٱلشَّيۡطَٰنِ إِذۡ قَالَ لِلۡإِنسَٰنِ ٱكۡفُرۡ فَلَمَّا كَفَرَ قَالَ إِنِّي بَرِيٓءٞ مِّنكَ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ
شيطان އާގެ مثال ގައެވެ. އޭނާ އިންސާނާޔަށް كافر ވާށޭ ބުނިހިނދެވެ. ފަހެ، އެ އިންސާނާ كافر ވީހިނދު އެ شيطان އާ ބުންޏެވެ. ހަމަކަށަވަރުން، ތިމަންވަނީ، ތިބާގެ ކިބައިން ބަރީއަވެގެންނެވެ. ހަމަކަށަވަރުން، عالم ތަކުގެ ވެރި اللَّه އަށް ތިމަން ބިރުގަނެތެވެ.