يَسۡـَٔلُكَ أَهۡلُ ٱلۡكِتَٰبِ أَن تُنَزِّلَ عَلَيۡهِمۡ كِتَٰبٗا مِّنَ ٱلسَّمَآءِۚ فَقَدۡ سَأَلُواْ مُوسَىٰٓ أَكۡبَرَ مِن ذَٰلِكَ فَقَالُوٓاْ أَرِنَا ٱللَّهَ جَهۡرَةٗ فَأَخَذَتۡهُمُ ٱلصَّـٰعِقَةُ بِظُلۡمِهِمۡۚ ثُمَّ ٱتَّخَذُواْ ٱلۡعِجۡلَ مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَٰتُ فَعَفَوۡنَا عَن ذَٰلِكَۚ وَءَاتَيۡنَا مُوسَىٰ سُلۡطَٰنٗا مُّبِينٗا
ފޮތުގެ أهل ވެރިން (އެބަހީ: يهودى ން) އެއުރެންގެ މައްޗަށް ކަލޭގެފާނު އުޑުން ފޮތެއް ބާވައިލައްވައި ދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދި ދަންނަވަތެވެ. ފަހެ، ހަމަކަށަވަރުން، އެއަށްވުރެ ބޮޑުކަމަކަށް موسى ގެފާނުންގެ އަރިހުން އެއުރެން އެދި ދަންނަވާފައިވެއެވެ. ފަހެ، އެއުރެން ދެންނެވޫއެވެ. ތިމަންމެންނަށް، ފާޅުގައި اللَّه ދައްކަވާށެވެ! ދެން، އެއުރެންގެ ނުކިޔަމަންތެރިކަމުގެ ސަބަބުން ހޮނުގުގުރި އެއުރެންގައި ހިފިއެވެ. ދެން، އެއަށްފަހު، بيان ވެގެންވާ ހެކިތައް އެއުރެންގެ ގާތަށް އައުމަށްފަހު، (އަޅުކަންކުރުމަށް إله އެއްގެ ގޮތުގައި) އެއުރެން ގެރި ބޭނުންކުޅައޫއެވެ. ދެންވެސް، ތިމަންރަސްކަލާނގެ އެކަމުގެ ކުށް عفو ކުރެއްވީމެވެ. އަދި، بيان ވެގެންވާ ބާރު، موسى ގެފާނަށް ތިމަންރަސްކަލާނގެ ދެއްވީމެވެ.
وَرَفَعۡنَا فَوۡقَهُمُ ٱلطُّورَ بِمِيثَٰقِهِمۡ وَقُلۡنَا لَهُمُ ٱدۡخُلُواْ ٱلۡبَابَ سُجَّدٗا وَقُلۡنَا لَهُمۡ لَا تَعۡدُواْ فِي ٱلسَّبۡتِ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا
އަދި، ތިމަންރަސްކަލާނގެ، އެއުރެންގެ (ބޮލާދިމާ) މައްޗަށް طور ފަރުބަދަ އުފުއްލެވީމެވެ. (އެއީ) އެއުރެންގެ ކަށަވަރުވެގެންވާ عهد ގެ ސަބަބުންނެވެ. (އެބަހީ: توراة ގެ حكم ތަކަށް عمل ކުރަން، އެއުރެން ވެފައިވާ عهد އުވައިލުމުގެ ސަބަބުންނެވެ.) އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ކިޔަމަންތެރިވެގެން ތިބެ (ރަށުގެ) ދޮރޯށިން ވަންނާށެވެ! އަދި، ތިމަންރަސްކަލާނގެ އެއުރެންނަށް އެންގެވީމެވެ. ތިޔަބައިމީހުން ހޮނިހިރު ދުވަހާމެދު، ދެކޮޅުވެރިވެ ނުކިޔަމަންތެރި ވުމުގައި ހައްދުފަހަނަޅައި ނުދާށެވެ! އަދި، ގަދަވެގެންވާ ميثاق، އެއުރެންގެ ކިބައިން ތިމަންރަސްކަލާނގެ ހިއްޕެވީމެވެ.