۞وَلَقَدۡ جَآءَكُم مُّوسَىٰ بِٱلۡبَيِّنَٰتِ ثُمَّ ٱتَّخَذۡتُمُ ٱلۡعِجۡلَ مِنۢ بَعۡدِهِۦ وَأَنتُمۡ ظَٰلِمُونَ

އަދި ހަމަކަށަވަރުން، ބަޔާންވެގެންވާ معجزات ތަކާއިގެން موسى ގެފާނު ތިޔަބައިމީހުންގެގާތަށް ވަޑައިގަތެވެ. ދެން އެކަލޭގެފާނު ދުރަށްވަޑައިގަތުމަށްފަހު، ތިޔަބައިމީހުން، ގެރިއަކީ إله އަކު ކަމުގައި ބަލައިގެން އުޅުނީމުއެވެ. (އެއީ) އަނިޔާވެރި ބަޔަކުކަމުގައި ތިޔަބައިމީހުންވާ حال ގައެވެ.


وَإِذۡ أَخَذۡنَا مِيثَٰقَكُمۡ وَرَفَعۡنَا فَوۡقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيۡنَٰكُم بِقُوَّةٖ وَٱسۡمَعُواْۖ قَالُواْ سَمِعۡنَا وَعَصَيۡنَا وَأُشۡرِبُواْ فِي قُلُوبِهِمُ ٱلۡعِجۡلَ بِكُفۡرِهِمۡۚ قُلۡ بِئۡسَمَا يَأۡمُرُكُم بِهِۦٓ إِيمَٰنُكُمۡ إِن كُنتُم مُّؤۡمِنِينَ

އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ކިބައިން ކަށަވަރުވެގެންވާ عهد ހިއްޕަވައި، އަދި ތިޔަބައިމީހުންގެ މައްޗަށް طور ފަރުބަދަ އުފުއްލެވިހިނދު ހަނދުމަކުރާށެވެ! (އެހިނދު ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި އެއްޗެއްގައި، (އެބަހީ: ފޮތުގައި) ތިޔަބައިމީހުން ގަދަޔަށް ހިފަހައްޓާށެވެ! އަދި (ތިޔަބައިމީހުންނަށް ކުރެވޭ أمر ތައް) ތިޔަބައިމީހުން އަހާށެވެ! އެއުރެން ދެންނެވޫއެވެ. ތިމަންމެން (ތިޔަ ބަސްފުޅު) އަހައި (ތިޔަ أمر ފުޅަށް) ނުކިޔަމަންތެރިވެ އުރެދިއްޖައީމުއެވެ. އަދި އެއުރެންގެ كافر ކަމުގެ ސަބަބުން، ގެރިއަށް އަޅުކަންކުރުމުގެ ލޯބި އެއުރެންގެ ހިތްތަކުގައިވަނީ ވަރުގަދައަކަށް ހިފައިފައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ތިޔަބުނާހެން) ތިޔަބައިމީހުންނީ، إيمان ވާ ބަޔަކުކަމުގައި ވަނީނަމަ، ތިޔަބައިމީހުންގެ إيمان ކަން، އެކަމަކަށް ތިޔަބައިމީހުންނަށް أمر ކުރާ ކަމެއްގެ ނުބައިކަން ބޮޑުކަމާއެވެ!



الصفحة التالية
Icon