مَن يُضۡلِلِ ٱللَّهُ فَلَا هَادِيَ لَهُۥۚ وَيَذَرُهُمۡ فِي طُغۡيَٰنِهِمۡ يَعۡمَهُونَ

اللَّه މަގުފުރައްދަވާމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް ތެދުމަގުދައްކާނޭ ފަރާތެއް ނުވެތެވެ. އަދި ދެވޭ ނުދެވޭ ތަނެއްނޭނގި ތިބޭ حال ގައި، ފުރެދުމުގެ ތެރެޔަށް އެކަލާނގެ އެއުރެން ދޫކުރައްވަތެވެ.


يَسۡـَٔلُونَكَ عَنِ ٱلسَّاعَةِ أَيَّانَ مُرۡسَىٰهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ رَبِّيۖ لَا يُجَلِّيهَا لِوَقۡتِهَآ إِلَّا هُوَۚ ثَقُلَتۡ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ لَا تَأۡتِيكُمۡ إِلَّا بَغۡتَةٗۗ يَسۡـَٔلُونَكَ كَأَنَّكَ حَفِيٌّ عَنۡهَاۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

قيامة ގެ ވަގުތާމެދު، އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. އެދުވަސް ލައިގަންނާނީ ކޮން އިރަކުންތޯއެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައެވެ. އެކަލާނގެ މެނުވީ، އެކަމުގެ ވަގުތަށް އެކަން ފާޅުނުކުރައްވާ ހުށްޓެވެ. އުޑުތަކާއި، ބިމުގައި އެކަން ބުރަކަމަކަށް ވެފައިވެއެވެ. ކުއްލިއަކަށްމެނުވީ، އެކަން ތިޔަބައިމީހުންނާ ހަމަޔަކަށް ނާންނަހުށްޓެވެ. (އެކަމާމެދު) ކަލޭގެފާނާ އެއުރެން سؤال ކުރާއިރު، އެކަމުގެ ހުރިހާ خبر އެއް، ކަލޭގެފާނު ދެނެވަޑައިގަންނަވާ ކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެކަން ދެނެވޮޑިގަތުންވަނީ، ހަމައެކަނި اللَّه ގެ حضرة ގައެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.


قُل لَّآ أَمۡلِكُ لِنَفۡسِي نَفۡعٗا وَلَا ضَرًّا إِلَّا مَا شَآءَ ٱللَّهُۚ وَلَوۡ كُنتُ أَعۡلَمُ ٱلۡغَيۡبَ لَٱسۡتَكۡثَرۡتُ مِنَ ٱلۡخَيۡرِ وَمَا مَسَّنِيَ ٱلسُّوٓءُۚ إِنۡ أَنَا۠ إِلَّا نَذِيرٞ وَبَشِيرٞ لِّقَوۡمٖ يُؤۡمِنُونَ

ކަލޭގެފާނު ވިދާޅުވާށެވެ! اللَّه އިރާދަކުރެއްވި ކަމެއްމެނުވީ ތިމަންކަލޭގެފާނުގެ އަމިއްލަ نفس އަށް މަންފާއެއް، ނުވަތަ ގެއްލުމެއް ލިބިގަތުމުގެ ބާރު، ތިމަންކަލޭގެފާނަށް ملك ވެގެނެއް ނުވެތެވެ. އަދި ތިމަންކަލޭގެފާނަށް غيب އެނގިވަޑައިގަންނަވާ ކަމުގައި ވީނަމަ، ތިމަންކަލޭގެފާނު ހެޔޮކަންތައް ގިނަކުރެއްވީމުހެވެ. އަދި ނުބައިކަމެއް ތިމަންކަލޭގެފާނުންގައި ނުބީހުނީހެވެ. ބިރުވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައްޔާއި، إيمان ވާ ބަޔަކަށް އުފާވެރިކަމުގެ خبر ދެއްވާ ބޭކަލަކު ކަމުގައި މެނުވީ، ތިމަންކަލޭގެފާނު ނުވަމެވެ.



الصفحة التالية
Icon