فِي قُلُوبِهِم مَّرَضٞ فَزَادَهُمُ ٱللَّهُ مَرَضٗاۖ وَلَهُمۡ عَذَابٌ أَلِيمُۢ بِمَا كَانُواْ يَكۡذِبُونَ
އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއްވެއެވެ. އެކަމުން، اللَّه، އެއުރެންނަށް އެ ބަލިމަޑުކަން އިތުރު ކުރެއްވިއެވެ. އަދި އެއުރެން ދޮގުހަދައި އުޅުނުކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި عذاب ހުށްޓެވެ.
وَإِذَا قِيلَ لَهُمۡ لَا تُفۡسِدُواْ فِي ٱلۡأَرۡضِ قَالُوٓاْ إِنَّمَا نَحۡنُ مُصۡلِحُونَ
އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
أَلَآ إِنَّهُمۡ هُمُ ٱلۡمُفۡسِدُونَ وَلَٰكِن لَّا يَشۡعُرُونَ
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
وَإِذَا قِيلَ لَهُمۡ ءَامِنُواْ كَمَآ ءَامَنَ ٱلنَّاسُ قَالُوٓاْ أَنُؤۡمِنُ كَمَآ ءَامَنَ ٱلسُّفَهَآءُۗ أَلَآ إِنَّهُمۡ هُمُ ٱلسُّفَهَآءُ وَلَٰكِن لَّا يَعۡلَمُونَ
އަދި މީހުން إيمان ވި ފަދައިން ތިޔަބައިމީހުން إيمان ވާށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، މޮޔައިން إيمان ވި ފަދައިން އަހަރެމެން إيمان ވާނެހެއްޔޭ، އެއުރެން ބުނެތެވެ. ދަންނާށެވެ! ހަމަކަށަވަރުން މޮޔައިންނަކީ ހަމަ އެއުރެންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
وَإِذَا لَقُواْ ٱلَّذِينَ ءَامَنُواْ قَالُوٓاْ ءَامَنَّا وَإِذَا خَلَوۡاْ إِلَىٰ شَيَٰطِينِهِمۡ قَالُوٓاْ إِنَّا مَعَكُمۡ إِنَّمَا نَحۡنُ مُسۡتَهۡزِءُونَ
އަދި إيمان ވި މީހުންނާ އެއުރެން ބައްދަލުވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެން މިތިބީ إيمان ވެގެންނެވެ. އެއުރެންގެ شيطان ންނާ (އެބަހީ: ދެކޮޅުވެރިކަމާއި كفر ވެރިކަމުގައި އެއުރެންގެތެރެއިން ކުރިޔަށް ތިބިމީހުންނާ) އެއުރެން އެއްތަންވެއްޖެނަމަ، އެއުރެން ބުނެއުޅެނީ، ތިމަންމެންވަނީ، ކަށަވަރުންވެސް ތިޔަބައިމީހުންނާ އެކުގައެވެ. ހަމަކަށަވަރުން ތިމަންމެންނީ، ފުރައްސާރަކުރާ ބަޔަކީމުއެވެ.