تِلۡكَ مِنۡ أَنۢبَآءِ ٱلۡغَيۡبِ نُوحِيهَآ إِلَيۡكَۖ مَا كُنتَ تَعۡلَمُهَآ أَنتَ وَلَا قَوۡمُكَ مِن قَبۡلِ هَٰذَاۖ فَٱصۡبِرۡۖ إِنَّ ٱلۡعَٰقِبَةَ لِلۡمُتَّقِينَ

އެއީ، ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރައްވާ غيب ގެ خبر ތަކުގެ ތެރެއިން خبر ތަކެކެވެ. ކަލޭގެފާނަކަށްވެސް، އަދި ކަލޭގެފާނުންގެ قوم ގެމީހުންނަކަށްވެސް، މީގެކުރިޔަކުން އެ خبر ތައް އެނގިވަޑައިގެންފައެއް ނުވެތެވެ. ފަހެ، ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން (ހެޔޮ) ނިމުންވަނީ، تقوى ވެރިންނަށެވެ.


وَإِلَىٰ عَادٍ أَخَاهُمۡ هُودٗاۚ قَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۖ إِنۡ أَنتُمۡ إِلَّا مُفۡتَرُونَ

އަދި ތިމަންރަސްކަލާނގެ عاد ބާގައިމީހުންގެ ގާތަށް، އެއުރެންގެ أخ هود ގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން اللَّه އަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ، ދޮގުހަދާ ބަޔަކު ކަމުގައި ނޫނީ ނުވެތެވެ.


يَٰقَوۡمِ لَآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًاۖ إِنۡ أَجۡرِيَ إِلَّا عَلَى ٱلَّذِي فَطَرَنِيٓۚ أَفَلَا تَعۡقِلُونَ

އޭ އަހުރެންގެ قوم ގެމީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟


وَيَٰقَوۡمِ ٱسۡتَغۡفِرُواْ رَبَّكُمۡ ثُمَّ تُوبُوٓاْ إِلَيۡهِ يُرۡسِلِ ٱلسَّمَآءَ عَلَيۡكُم مِّدۡرَارٗا وَيَزِدۡكُمۡ قُوَّةً إِلَىٰ قُوَّتِكُمۡ وَلَا تَتَوَلَّوۡاْ مُجۡرِمِينَ

އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة އަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް توبة ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!



الصفحة التالية
Icon