قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا
އެކަލޭގެފާނު ވިދާޅުވިއެވެ. ބައްޕަގެ މައްޗަށް سلام ހުށްޓެވެ! ބައްޕައަށް ފާފަފުއްސެވުން އެދި، އަޅުގެ ވެރިރަސްކަލާނގެއަށް دعاء ކުރާހުށީމެވެ. ހަމަކަށަވަރުން، އަޅުގެމައްޗަށް ނުހަނު އޯގާވަންތަ ކަލަކު ކަމުގައި، އެކަލާނގެ ވޮޑިގެންވެއެވެ.
وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا
އަދި ތިޔަބައިމީހުންނާއި اللَّه ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗާ، އަހުރެން ވަކިވާހުށީމެވެ. އަދި އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރާހުށީމެވެ. އަހުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުން އަބާއްޖަވެރިޔަކު ކަމުގައި އަހުރެން ނުވާށިއެވެ.
فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا
ފަހެ، އެކަލޭގެފާނު، އެއުރެންނާއި، اللَّه ފިޔަވައި އެއުރެން އަޅުކަންކުރާ ތަކެއްޗާ ވަކިވެވަޑައިގަތްހިނދު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް، إسحاق ގެފާނާއި، يعقوب ގެފާނު ދެއްވީމެވެ. އަދި އެއިން ކޮންމެ ބޭކަލަކީ ނަބިއްޔަކު ކަމުގައި ލެއްވީމެވެ.
وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا
އަދި އެބޭކަލުންނަށް، ތިމަންރަސްކަލާނގެ رحمة ގެތެރެއިން ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ، އެބޭކަލުންނަށް (އަންނަނިވި جيل ތަކުގެ ދޫމަތީގައި) މަތިވެރިވެގެންވާ ރިވެތި ނަން ލެއްވީމެވެ.