لَّا جُنَاحَ عَلَيۡكُمۡ إِن طَلَّقۡتُمُ ٱلنِّسَآءَ مَا لَمۡ تَمَسُّوهُنَّ أَوۡ تَفۡرِضُواْ لَهُنَّ فَرِيضَةٗۚ وَمَتِّعُوهُنَّ عَلَى ٱلۡمُوسِعِ قَدَرُهُۥ وَعَلَى ٱلۡمُقۡتِرِ قَدَرُهُۥ مَتَٰعَۢا بِٱلۡمَعۡرُوفِۖ حَقًّا عَلَى ٱلۡمُحۡسِنِينَ

ތިޔަބައިމީހުން އަނބިންނާއެކު ރޭނުކުރާހާ ހިނދަކު، ނުވަތަ އެކަނބަލުންނަށް ރަނެއް ކަނޑައަޅާފައިނުވާހާ ހިނދަކު، ތިޔަބައިމީހުން، އެކަނބަލުން ވަރިކޮށްފިނަމަ، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. (ނަމަވެސް) ތިޔަބައިމީހުން، އެކަނބަލުންނަށް مُتعة ދޭށެވެ! (مُتعة އަކީ ވަރިކުރެވޭ އަންހެންމީހާ ހިތްހަމަޖައްސައިލުމަށް ފިރިހެންމީހާގެ ފަރާތުންދެވޭ ބޭނުންތެރި ކޮންމެވެސް އެއްޗެކެވެ.) ތަނަވަސްކަން ލިބިގެންވާ މީހާގެ މައްޗަށް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. އަތްމަތިދަތި މީހާގެ މައްޗަށްވެސް واجب ވެގެންވަނީ، އޭނާގެ ވަރުން ދިނުމެވެ. ހެޔޮގޮތުގައި ދެވޭ مُتعة އެއްގެ ގޮތުގައެވެ. (ވަރިކުރެވޭ މީހުންނަށް ދިނުން) إحسان ތެރިންގެ މައްޗަށް واجب ވެފައިވާ حق އެއްގެ ގޮތުގައެވެ.


وَإِن طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ وَقَدۡ فَرَضۡتُمۡ لَهُنَّ فَرِيضَةٗ فَنِصۡفُ مَا فَرَضۡتُمۡ إِلَّآ أَن يَعۡفُونَ أَوۡ يَعۡفُوَاْ ٱلَّذِي بِيَدِهِۦ عُقۡدَةُ ٱلنِّكَاحِۚ وَأَن تَعۡفُوٓاْ أَقۡرَبُ لِلتَّقۡوَىٰۚ وَلَا تَنسَوُاْ ٱلۡفَضۡلَ بَيۡنَكُمۡۚ إِنَّ ٱللَّهَ بِمَا تَعۡمَلُونَ بَصِيرٌ

އަދި، ތިޔަބައިމީހުން އެކަނބަލުންނަށް، ރަނެއް ކަނޑައަޅާފައިވާ حال، އެކަނބަލުންނާއެކު ރޭކުރުމުގެކުރިން، ތިޔަބައިމީހުން އެކަނބަލުން ވަރިކޮށްފިނަމަ، ފަހެ، ތިޔަބައިމީހުން ކަނޑައެޅި ރަނުގެ ދެބައިކުޅަ އެއްބައި، (އެކަނބަލުންނަށް) ދިނުންހުށްޓެވެ. (އެއީ) އެކަނބަލުން عفو ކުރުމުން މެނުވީއެވެ. ނުވަތަ، ކާވެނީގެ ގޮށް އެމީހެއްގެ އަތުގައިވާ މީހާ عفو ކުރުމުން މެނުވީއެވެ. تقوى ވެރިކަމާ އެންމެގާތްގޮތަކީ، ތިޔަބައިމީހުން عفو ކުރުމެވެ. އަދި، ތިޔަބައިމީހުންގެ މެދުގައި، އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ إحسان ތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައި ނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.



الصفحة التالية
Icon