قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلُۚ كَانَ أَكۡثَرُهُم مُّشۡرِكِينَ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ބިމުގައި ދަތުރުފަތުރުކޮށް އުޅޭށެވެ! ދެން ކުރިން އުޅުނު މީހުންގެ ނިމުންއޮތީ ކޮންފަދައަކުންތޯ ތިޔަބައިމީހުން ބަލައި ވިސްނާށެވެ! އޭގެތެރެއިން ގިނަމީހުން مشرك ން ކަމުގައިވޫއެވެ.
فَأَقِمۡ وَجۡهَكَ لِلدِّينِ ٱلۡقَيِّمِ مِن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۖ يَوۡمَئِذٖ يَصَّدَّعُونَ
ފަހެ (އެއްވެސް މީހަކަށް) اللَّه ގެ حضرة ން ރައްދުކުރެއްވުމެއްނުވާ ދުވަހެއް އައުމުގެކުރިން، ކަލޭގެފާނުގެ މޫނުފުޅު ސީދާވެގެންވާ دين އަށް ކުރިމަތިކުރައްވާށެވެ! އެދުވަހުން އެއުރެން (ދެބަޔަކަށް) ބައިވެގެންދާނެތެވެ.
مَن كَفَرَ فَعَلَيۡهِ كُفۡرُهُۥۖ وَمَنۡ عَمِلَ صَٰلِحٗا فَلِأَنفُسِهِمۡ يَمۡهَدُونَ
كافر ވި މީހާ (ދަންނާށެވެ!) ފަހެ، އޭނާގެ كافر ކަން އޮންނާނީ، އޭނާގެ މައްޗަށެވެ. އަދި صالح عمل ކުޅަމީހުން (ދަންނާށެވެ!) ފަހެ، އެއުރެންގެ نفس ތަކަށްޓަކައި އެއުރެން މަގު ހޯދައެވެ.
لِيَجۡزِيَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِن فَضۡلِهِۦٓۚ إِنَّهُۥ لَا يُحِبُّ ٱلۡكَٰفِرِينَ
(އެއީ) إيمان ވެ، صالح عمل ތައް ކުޅަމީހުންނަށް އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ޖަޒާ ދެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އެކަލާނގެ، كافر ންދެކެ ލޯބިވެވޮޑިގެނެއް ނުވެތެވެ.