وَلَا تُصَعِّرۡ خَدَّكَ لِلنَّاسِ وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّ ٱللَّهَ لَا يُحِبُّ كُلَّ مُخۡتَالٖ فَخُورٖ

އަދި މީސްތަކުންނަށް كبر ވެރިވެ، ތިބާގެ ކޯތާފަތް އަނބުރައިނުލާށެވެ! (އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ حال، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، كبر ވެރިވެ، فخر ވެރިވާ އެއްވެސް މީހަކުދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.


وَٱقۡصِدۡ فِي مَشۡيِكَ وَٱغۡضُضۡ مِن صَوۡتِكَۚ إِنَّ أَنكَرَ ٱلۡأَصۡوَٰتِ لَصَوۡتُ ٱلۡحَمِيرِ

އަދި ތިބާ ހިނގާ ހިނގުމުގައި މެދުމިނަށް ހިނގާށެވެ! އަދި ތިބާގެ އަޑު މަޑުކުރާށެވެ! ހަމަކަށަވަރުން، އަޑުތަކުގެ ތެރެއިން އެންމެ ހުތުރުވެގެންވާ އަޑަކީ حمار ގެ އަޑުކަން ކަށަވަރެވެ.


أَلَمۡ تَرَوۡاْ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَأَسۡبَغَ عَلَيۡكُمۡ نِعَمَهُۥ ظَٰهِرَةٗ وَبَاطِنَةٗۗ وَمِنَ ٱلنَّاسِ مَن يُجَٰدِلُ فِي ٱللَّهِ بِغَيۡرِ عِلۡمٖ وَلَا هُدٗى وَلَا كِتَٰبٖ مُّنِيرٖ

ހަމަކަށަވަރުން، އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް اللَّه ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެވެ؟ އަދި އެކަލާނގެ نعمة ތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ. އަދި އެއްވެސް علم އަކާ ނުލައި، ނުވަތަ ތެދުމަގަކާ ނުލައި، ނުވަތަ އަލިކަން ދެނިވި ފޮތަކާ ނުލައި، اللَّه އާމެދު جدل ކުރާ ބަޔަކު، މީސްތަކުންގެތެރެއިން ވެތެވެ.



الصفحة التالية
Icon