Divehi - Divehi; Dhivehi; Maldivian translation އިން المالديفية ބަހުން ސޫރަތް الحج ގެ ތަރުޖަމާ
Verse 1
އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! ހަމަކަށަވަރުން، قيامة ވުމުގެ زلزلة އަކީ ބޮޑުވެގެންވާ ކަމެކެވެ.
Verse 2
ތިޔަބައިމީހުންނަށް އެ زلزلة ފެންނަދުވަހު، ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި، އަދި މާބަނޑުއަންހެނުން އެއުރެންގެ ބަނޑުގައިއޮތް ދަރި ވިހައި، އަދި މީސްތަކުން މަސްތުވެފައިވާފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެންވަނީ، މަސްތުވެފައެއްނޫނެވެ. އެހެނެއްކަމަކު اللَّه ގެ عذاب ގަދަފަދައީއެވެ.
Verse 3
އެއްވެސް علم އަކާނުލައި، اللَّه އާމެދު ޖަދަލުކޮށް، އަދި ނުކިޔަމަންތެރި ކޮންމެ شيطان އަކަށް تبع ވެއުޅޭމީހުން، މީސްތަކުންގެތެެރެއިންވެއެވެ.
Verse 4
އެ شيطان އާގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވާފައިވަނީ، ހަމަކަށަވަރުން، އޭނާއަށް تبع ވެ އެކުވެރިވެއްޖެމީހަކުނަމަ، ފަހެ، އެމީހަކު މަގުފުރައްދައި، ނަރަކައިގެ عذاب އަށް މަގުދެއްކުމެވެ.
އޭ މީސްތަކުންނޭވެ! (މަރުވުމަށްފަހު) އަލުން ދިރުއްވައި ފޮނުއްވާނޭ ކަމާމެދު، ތިޔަބައިމީހުން شك އެއްގައިވާނަމަ، ފަހެ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން (ގެ أصل) އުފެއްދެވީ، ވެލިންނެވެ. ދެން މަނިތިއްކަކުންނެވެ. ދެން ގަނޑުލޭކޮޅަކުންނެވެ. ދެން (آدم ގެދަރިޔެއްގެ) ސިފަ ފާޅުވެގެންވާ، ނުވަތަ ފާޅުވެގެންނުވާ މަސްކޮޅަކުންނެވެ. އެއީ (ކޮންމެކަމަކަށް ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަން) ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއް ކަނޑައަޅުއްވާފައިވާ مدة އަކަށް رحم ތަކުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން (ދުނިޔެމައްޗަށް) ނެރުއްވަމެވެ. ދެން ތިޔަބައިމީހުން ބޮޑުވެ، ފުރާފުރިހަމަވުމާހަމަޔަށް ފޯރައެވެ. އަދި (ޒުވާންކަމުގެ ދުވަސްވަރު) މަރުވާމީހުން، ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އަދި أرذل العمر އަށް ރައްދުކުރައްވާ މީހުން ތިޔަބައިމީހުންގެ ތެރެއިންވެއެވެ. އެއީ އޭނާޔަށް އެއްޗެއް އެނގުމަށްފަހުގައި، ނޭނގުމަށްޓަކައެވެ. އަދި ބިންގަނޑު މަރުވެފައިވަނިކޮށް ތިބާ ދެކޭނޫއެވެ. ފަހެ، އެ ބިމުގެ މައްޗަށް ތިމަންރަސްކަލާނގެ ވާރޭ ވެއްސަވައިފިހިނދު، އެ ބިމުގެ ގަސްތަކުގެ حركات ފެށި، ގަސްތައް އިތުރުވެއެވެ. އަދި ހުރިހާ ބާވަތަކުން، ބަލާމީހާޔަށް އުފާލިބެނިވި ގަސްތައް ފަޅުވަތެވެ.
Verse 6
އެހެނީ ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ މަރުވެފައިވާމީހުން ދިރުއްވަތެވެ. އަދި ހަމަކަށަވަރުން، އެކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
Verse 7
އަދި ހަމަކަށަވަރުން، قيامة ވުމުގެ ވަގުތަކީ، އަންނާނޭ އެއްޗެކެވެ. އެއާމެދަކު شك އެއްނެތެވެ. އަދި ހަމަކަށަވަރުން، اللَّه، ކަށްވަޅުތަކުގައި ތިބިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ.
Verse 8
އެއްވެސް علم އަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި اللَّه އާމެދު جدل ކުރާމީހުން، މީސްތަކުންގެތެރެއިންވެއެވެ.
Verse 9
اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރުމަށްޓަކައި (ބޮޑާކަމާއެކު) އޭނާގެ ކަނދުރާ އަނބުރައިލާ حال ގައެވެ. އެމީހަކަށް ދުނިޔެމަތީގައި ނިކަމެތިކަމާއި، ދެރަކަންހުށްޓެވެ. އަދި قيامة ދުވަހުން ނަރަކައިގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާ ހުށީމެވެ.
Verse 10
އެއީ ތިބާގެ ދެއަތުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.
Verse 11
شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ.
Verse 12
އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، اللَّه ފިޔަވައި އޭނާ އަޅުކަންކުރެތެވެ. (حق ގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ.
Verse 13
އޭނާ އެ އަޅުކަންކުރަނީ، އެ އެއްޗެއްގެ މަންފާއަށްވުރެ، އެ އެއްޗެއްގެ ގެއްލުން މާގާތްވެގެންވާ އެއްޗަކަށެވެ. އޭނާ އެ ވާގިލިބިގަންނަ އެއްޗެއްގެ ނުބައިކަމާއެވެ! އަދި އެކުވެރިޔެއްގެ ގޮތުންވެސް އޭގެ ނުބައިކަމާއެވެ!
Verse 14
ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރި މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، اللَّه (އެއުރެން) ވައްދަވާނެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ.
Verse 15
ދުނިޔެއާއި، آخرة ގައި އެކަލޭގެފާނަށް (އެބަހީ: رسول އާއަށް) اللَّه نصر ނުދެއްވާނެކަމަށް ހީކުރާމީހާ، ފަހެ، މައްޗަށް ވަލެއްޖަހައި، ދެން އޭނާ ދަންޖެހިބަލާށެވެ! ފަހެ، އޭނާ ރޭވިރޭވުމުން، އޭނާ ރުޅިއަންނަކަންތައް ނިކަން ފިލައިތޯ ބަލައިބަލާށެވެ!
Verse 16
އެފަދައިން ބަޔާންވެގެންވާ آية ތަކެއް ކަމުގައި، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރަދާކުރައްވާ މީހަކަށް ތެދުމަގު ދައްކަވަތެވެ.
Verse 17
ހަމަަކަށަވަރުން، إيمان ވިމީހުންނާއި، يهودى ވި މީހުންނާއި، صابئ ންނާއި، نصارى އިންނާއި، مجوسى ންނާއި، شريك ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، اللَّه، އެއުރެންގެމެދުގައި، قيامة ދުވަހުން ނިޔާކަނޑައަޅުއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް، މޮޅަށް ހެކިވެވޮޑިގެންވާ ރަސްކަލާނގެއެވެ.
Verse 18
އުޑުތަކާއި، ބިމުގައިވާހާ ބަޔަކާއި، އިރާއި، ހަނދާއި، ތަރިތަކާއި، ފަރުބަދަތަކާއި، ގަސްގަހާގެއްސާއި، ޖަނަވާރުތަކާއި، މީސްތަކުންކުރެ ގިނަބަޔަކު، اللَّه އަށް سجدة ކުރާކަން ތިބާ ނުދަންނަމު ހެއްޔެވެ؟ އަދި (މީސްތަކުންކުރެ) ގިނަބަޔަކުގެމައްޗަށް عذاب حق ވެގެންވެއެވެ. އަދި اللَّه، ނިކަމެތިކުރެއްވިމީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށް މާތްކޮށްހިތާނެ މީހަކު ނުވެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ.
Verse 19
މިއީ، އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދެބަސްވީ ދެ خصم ންނެވެ. (އެބަހީ: مؤمن ންނާއި كافر ންނެވެ.) ފަހެ، كافر ވި މީހުންނަށް އަލިފާނުގެ ފޭރާންތަކެއް ތައްޔާރު ކުރައްވާފައިވެއެވެ. (އަދި) އެއުރެންގެ ބޯތަކުގެ މައްޗަށް ކެކިކެކިހުރި ހޫނުފެން އޮއްސަވާހުށްޓެވެ.
Verse 20
ﮱﯓﯔﯕﯖﯗ
ﯘ
އެއިން އެއުރެންގެ ބަނޑުތަކުގައިވާ ތަކެއްޗާއި ހަންތައް ވިރުވާހުށްޓެވެ.
Verse 21
ﯙﯚﯛﯜ
ﯝ
އަދި އެއުރެންނަށްޓަކައި، ދަގަނޑު ޗާބޫކުތަކެއް ވެއެވެ.
Verse 22
އެއުރެންނަށް ލިބޭ ވޭނެއްގެ ގަދަކަމުން، އެތަނުން އެއުރެން ނުކުންނަން އުޅެފި ކޮންމެހިނދެއްގައި، އަލުން އެތަނަށް إعادة ކުރައްވާ ހުށްޓެވެ. އަދި (އެއުރެންނަށް އަންގަވާނެތެވެ.) ނަރަކައިގެ އަލިފާނުގެ عذاب ގެ ރަހަ ތިޔަބައިމީހުން ލިބިގަންނާށެވެ!
Verse 23
ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރިމީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް اللَّه (އެއުރެން) ވައްދަވާނެތެވެ. އެއުރެން އެތާނގައި ރަނުގެ އުޅާތަކުންނާއި، މުތީތަކުން ގަހަނާ އަޅުއްވާހުށްޓެވެ. އަދި އެތާނގައި، އެއުރެންގެ ފޭރާންވާހުށީ ފަށުއިންނެވެ.
Verse 24
އަދި (ދުނިޔެމަތީގައި) ރަނގަޅު ބަސްބުނުމަށް އެއުރެންނަށް هداية ދެއްވިއެވެ. އަދި حمد ލިބިގެންވާ މަގަށް، މަގު ދެއްކެވިއެވެ.
Verse 25
ހަމަކަށަވަރުން، كافر ވެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި قائم ވެހުންނަ މީހާއާއި، ބޭރުން އަންނަމީހާއާއި، ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި، ތިމަންރަސްކަލާނގެ ލެއްވި المسجد الحرام ން (މީސްތަކުން) އެއްކިބާކޮށް، އަދި އެތާނގައި އަނިޔާވެރިކަމާއެކު، دين އާ خلاف ގޮތްތައް އުފައްދަންއުޅޭ މީހާއަށް، ތިމަންރަސްކަލާނގެ ވޭންދެނިވި عذاب ން ރަހަދައްކަވާހުށީމެވެ.
Verse 26
إبراهيم ގެފާނަށް ގެފުޅު ހުންނަތަން ތިމަންރަސްކަލާނގެ ދެއްކެވިހިނދު، ހަނދުމަކުރާށެވެ! (ތިމަންރަސްކަލާނގެ އެންގެވީމެވެ.) ކަލޭގެފާނު ތިމަންރަސްކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރައްވާށެވެ! އަދި طواف ކުރާ މީހުންނަށާއި، قائم ވެތިބޭމީހުންނަށާއި، ركوع ކޮށް سجدة ކުރާ މީހުންނަށްޓަކައި، ކަލޭގެފާނު ތިމަންރަސްކަލާނގެ ގެފުޅު طاهر ކުރައްވާށެވެ!
Verse 27
އަދި ކަލޭގެފާނު މީސްތަކުންނަށް حج އަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ.
Verse 28
އެއީ އެއުރެންނަށްހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ اسم ފުޅު ހަނދުމަކޮށް އުޅުމަށެވެ. نعم ސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތިحال ގައިވާ فقير ންނަށް (އެއިން) ކާންދޭށެވެ!
Verse 29
ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން طواف ކުރާހުށިކަމެވެ!
Verse 30
(ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ حرمة ތަކަށް މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެމީހަކަށްޓަކައި އެކަންތައް އެމީހެއްގެ ވެރި ރަސްކަލާނގެ حضرة ގައި ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުންނަށް نعم ސޫފި حلال ކުރައްވާފައިވެއެވެ. (قرآن ގައި ނަންގަނެވި) ތިޔަބައިމީހުންނަށް ކިޔައިދެއްވާ ތަކެތި މެނުވީއެވެ. ފަހެ (އަޅުކަންކުރެވޭ) ބުދުތަކުގެ ނުތާހިރުކަމުން ތިޔަބައިމީހުން ދުރުހެލިވާށެވެ! އަދި ދޮގު ހެކިބަސް ބުނުމުން ދުރުހެލިވާށެވެ!
Verse 31
اللَّه އަށް إخلاص ތެރިވެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެތިބެ، އެކަލާނގެއަށް شريك ނުކުރާ حال ގައެވެ. އަދި اللَّه އަށް شريك ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ އުޑުން ވެއްޓި، ދޫނިތައް އެމީހާ ޖަހައިގަނެގެން ގެންދާ ނުވަތަ ވައިގެ ބާރުން ދުރުތަނަކަށް ވެއްޓިގެންދާ މީހެއްފަދައެވެ.
Verse 32
(ކަންހުރިމަގީ) އެއީއެވެ. އަދި اللَّه ގެ شعائر ތަކަށް (އެބަހީ: هدى ކަތިލުމާއި، أضحية ކަތިލުމާއި، حج ގެ عمل ތަކާއި، އެނޫންވެސް دينى أمر ތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ تقوى ވެރިކަމުގެ ތެރެއިންނެވެ.
Verse 33
ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެތަކެތީގައި (އެބަހީ: هدى ގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށްފަހު، އެތަކެތި ކަތިލުމުގެ محل އަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: مكة ގެ حرم ފުޅެވެ.)
Verse 34
نعم ސޫފީގެތެރެއިން އެކަލާނގެ އެއުރެންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭހިނދު) اللَّه ގެ اسم ފުޅު ނަންގަތުމަށްޓަކައި، ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް قربان ކުރުމެއް ލެއްވީމެވެ. ފަހެ، ތިޔަބައިމީހުންގެ ކަލާނގެއީ، އެއްކައުވަންތަކަލާނގެއެވެ. ފަހެ، އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަންވެ، إسلام ވާށެވެ! އަދި ކިޔަމަންތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
Verse 35
އެއުރެންނީ، اللَّه ގެ ނަންފުޅު ގަނެވޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެ މަޑުމޮޅިވާ މީހުންނެވެ. އަދި އެއުރެންނަށްޖެހޭ ކަންތަކަށް ކެތްތެރިވާމީހުންނެވެ. އަދި ނަމާދު قائم ކޮށް ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ.
Verse 36
ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް اللَّه ގެ شعائر ތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް اللَّه ގެ اسم ފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި سؤال ކުރާ فقير ންނާއި، سؤال ނުކުރާ فقير ންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި خدمة ތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.
Verse 37
އެތަކެތީގެ މަހެއްވެސް އަދި ލެޔެއްވެސް اللَّه ގެ حضرة އަކަށް ނުދާނެތެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންގެކިބައިން އެކަލާނގެ حضرة އަށްދަނީ، تقوى ވެރިކަމެވެ. އެފަދައިން އެކަލާނގެ އެތަކެތި، ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަމުގެމައްޗަށް، اللَّه އަށް ތިޔަބައިމީހުން تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި إحسان ތެރިންނަށް ކަލޭގެފާނު އުފާވެރިކަމުގެ خبر ދެއްވާށެވެ!
Verse 38
ހަމަކަށަވަރުން، اللَّه، إيمان ވި މީހުން دفاع ކޮށްދެއްވަތެވެ. ހަމަކަށަވަރުން، خيانة ތެރިވެ، كافر ވާ ކޮންމެ މީހަކަށް، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.
Verse 39
ހަނގުރާމަވެވެމުންދާ މީހުންނަށް، ހަނގުރާމަ ކުރުމުގެ إذن ދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން، އެއެރުންނަށް އަނިޔާ ލިބުނުކަމަށްޓަަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނަށް نصر ދެއްވުމަށް، اللَّه ކުޅަދުންވަންތަކަން ކަށަވަރެވެ.
Verse 40
އެއުރެންނީ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، اللَّه އޭ ބުނުން މެނުވީ، އެއްވެސް حق އަކާނުލައި އެއުރެންގެ ގޯތިގެދޮރުން ނެރެލެވުނުމީހުންނެވެ. އަދި މީސްތަކުންކުރެ އެއްބަޔަކު މެދުވެރިކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه ދުރުކުރެއްވުން ނުވާނަމަ، نصارى އިންގެ ފައްޅިތަކާއި، އަޅުކަންކުރާ ތަންތަނާއި، يهودى ންގެ ފައްޅިތަކާއި، ގިނަގިނައިން اللَّه ގެ اسم ފުޅު ނަންގަނެވޭ މިސްކިތްތަކާއި (މިހުރިހާ ތަންތަން) ސުންނާފަތިކޮށްފީސްކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އަށް نصر ދޭ މީހަކަށް، އެކަލާނގެ نصر ދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 41
އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު قائم ކޮށް، زكاة ދީ، ހެޔޮކަންތަކަށް أمر ކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ اللَّه އަށެވެ.
Verse 42
އެއުރެން ކަލޭގެފާނު ދޮގުކުޅަޔަސް، ހަމަކަށަވަރުން، އެއުރެންގެކުރިން نوح ގެފާނުގެ قوم ގެމީހުންނާއި، عاد ބާގައިމީހުންނާއި، ثمود ބާގައިމީހުން (އެއުރެންގެ رسول ން) ދޮގުކޮށްފައިވެއެވެ.
Verse 43
ﮡﮢﮣﮤ
ﮥ
އަދި إبراهيم ގެފާނުގެ قوم ގެމީހުންނާއި، لوط ގެފާނުގެ قوم ގެމީހުންވެސްމެއެވެ.
Verse 44
އަދި مدين ގެ أهل ވެރިންވެސްމެއެވެ. އަދި موسى ގެފާނުވެސް ދޮގުކުރެވުނެވެ. ފަހެ، كافر ވި މީހުންނަށް، ތިމަންރަސްކަލާނގެ مهلة ދެއްވީމެވެ. ދެން ތިމަންރަސްކަލާނގެ އެއުރެންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ عقوبات ދެއްވުންވީ ކޮންފަދައަކުން ހެއްޔެވެ؟
Verse 45
އެރަށްތަކުގެ أهل ވެރިން، އަނިޔާވެރިވެގެންވީހިނދު، ތިމަންރަސްކަލާނގެ ހަލާކުކުރެއްވީ ކިތައްކިތައްރަށް ހެއްޔެވެ؟ ފަހެ، އެ ރަށްރަށްވަނީ، ފުރާޅުތަކާއި، عمارات ތައް ވެއްޓި ފުނޑުފުނޑުވެފައެވެ. އަދި (އެ ރަށްރަށުގައިވަނީ) ފަޅުވެފައިވާ ކިތައްކިތައް ވަޅާއި، އުސްކޮށް ބިނާކޮށްފައިވާ ކިތައްކިތައް ގަނޑުވަރު ހެއްޔެވެ؟
Verse 46
ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށްވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ. އެހެނީ ހަމަކަށަވަރުން، ލޯތައް ކަނުވަނީއަކީނޫނެވެ. އެހެނެއްކަމަކު، ކަނުވަނީ މޭތަކުގައިވާ ހިތްތަކެވެ.
Verse 47
އެއުރެން ކަލޭގެފާނުގެ އަރިހުން عذاب އަވަސްވުމަށް އެދޭނެތެވެ. އަދި اللَّه، އެކަލާނގެ وعد ފުޅަކާ خلاف ވެވޮޑިއެއް ނުގަންނަވާނެތެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ގައި، އެންމެ ދުވަހެއްވަނީ، ތިޔަބައިމީހުން ގުނައި عدد ކުރާ އަހަރުތަކުން އެއްހާސް އަހަރާ އެއްފަދަވެގެންނެވެ.
Verse 48
އެ ރަށްތަކުގެ أهل ވެރިން އަނިޔާވެރިވެގެންވީ ހިނދު، ތިމަންރަސްކަލާނގެ مهلة ދެއްވީ ކިތައްކިތައް ރަށަށް ހެއްޔެވެ؟ ދެން އެ ރަށްތަކުގެ أهل ވެރިންނަށް عقوبات ދެއްވައި ހިއްޕެވީމެވެ. އަދި (އެއުރެން) رجوع ވުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ.
Verse 49
ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ތިޔަބައިމީހުންނަށްޓަކައި ހުންނެވި إنذار ކުރައްވާ ބޭކަލަކު ކަމުގައެވެ.
Verse 50
ފަހެ، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނަށް ފާފުފުއްސެވުމާއި، ދީލަތިވެގެންވާ رزق ހުށްޓެވެ.
Verse 51
އަދި ތިމަންރަސްކަލާނގެ آية ތަކާމެދު، ދެކޮޅުހަދައި ނުކުޅައްދަން އުޅޭމީހުންނަކީ، ނަރަކައިގެ أهل ވެރިންނެވެ.
Verse 52
އެބޭކަލަކު ކިޔަވައިވިދާޅުވެއްޖެހިނދު، އެބޭކަލެއްގެ ކިޔަވައި ވިދާޅުވުމުގެ ތެރެޔަށް، شيطان އާ، އޭނާގެ ވަސްވާސްތެރިކަން ވައްދާފައިވާ ބޭކަލަކު މެނުވީ، ކަލޭގެފާނުގެކުރިން އެއްވެސް رسول އަކު، އަދި ނަބިއްޔަކުވެސް، ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، اللَّه، شيطان އާ ވައްދާ ވަސްވާސްތެރިކަން ނެތިކުރައްވަތެވެ. ދެން اللَّه، އެކަލާނގެ آية ތައް ثابت ކޮށްދެއްވަތެވެ. اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެއެވެ.
Verse 53
އެއީ އެއުރެންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް، امتحان އެއްކަމުގައި، شيطان އާ ވައްދާ ވަސްވާސްތެރިކަން ލެއްވުމަށްޓަކައެވެ. ހަމަކަށަވަރުން، އަނިޔާވެރިންވަނީ (حق އާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައެވެ.
Verse 54
އަދި علم ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް إيمان ވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހިގެންދިއުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه އީ، إيمان ވި މީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 55
كافر ވިމީހުން، އެ قرآن އާމެދު شك ކަމެއްގައި ތިބުމުން ފިލައިނުދެތެވެ. قيامة ވުމުގެ ވަގުތު ކުއްލިއަކަށް އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ. ނުވަތަ ރޭގަނޑެއް ނެތް ދުވަހެއްގެ (އެބަހީ: قيامة ދުވަހުގެ) عذاب، އެއުރެންނާހަމަޔަށް އަތުވެއްޖައުމަށް ދާނދެނެވެ.
Verse 56
އެދުވަހުން، ވެރިކަން މިލްކުވެގެންވަނީ اللَّه އަށެވެ. އެއުރެންގެ މެދުގައި އެކަލާނގެ حكم ކުރައްވާނެތެވެ. ފަހެ، إيمان ވެ صالح عمل ތައްކުޅަމީހުން ވާހުށީ، نعمة ގެ ސުވަރުގެތަކުގައެވެ.
Verse 57
އަދި كافر ވެ، ތިމަންރަސްކަލާނގެ آية ތައް ދޮގުކުޅަ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނަށް إهانة ތެރިކަން ދެނިވި عذاب ހުށްޓެވެ.
Verse 58
އަދި اللَّه ގެ މަގުގައި هجرة ކޮށް، ދެން (ހަނގުރާމަކޮށް) قتل ވީ މީހުންނަށް، ނުވަތަ މަރުވި މީހުންނަށް، ހަމަކަށަވަރުން، اللَّه، އެއުރެންނަށް ރަނގަޅު رزق ން رزق ދެއްވާނެތެވެ. ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ އެންމެހެޔޮ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 59
ހަމަކަށަވަރުން، އެއުރެން ރުހޭތަނަކަށް (އެބަހީ: ސުވަރުގެއަށް) އެކަލާނގެ، އެއުރެން ވައްދަވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، حليم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 60
(ކަންހުރިމަގީ) އެއީއެވެ. އަދި އެމީހަކަށް ލިބުނު އަނިޔާއާ އެއްފަދަ ޖަޒާއެއް ދީފިމީހާ، ދެން އޭނާގެމައްޗަށް އަނިޔާ އިތުރަށް ދީފިނަމަ، ހަމަކަށަވަރުން، اللَّه، އޭނާޔަށް نصر ދެއްވާހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން عفو ކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 61
އެހެނީ، ހަމަކަށަވަރުން، اللَّه، ދުވާލުގެތެރެޔަށް ރޭގަނޑު ވައްދަވަތެވެ. އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވަތެވެ. އަދި ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ، ރަސްކަލާނގެއެވެ.
Verse 62
އެހެނީ، ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެމަތިވެރި، އެންމެعظمة ތެރި ރަސްކަލާނގެއެވެ.
Verse 63
ހަމަކަށަވަރުން، اللَّه، އުޑުން ފެންވެއްސަވައި، ދެން (ގަސްގަހާގެހިން) ބިންގަނޑަށް ފެހިކަންލިބޭތީ ތިބާ ނުދެކެމުހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
Verse 64
އުޑުތަކުގައިވާހާ ތަކެއްޗާއި، ބިމުގައިވާހާތަކެތި މިލްކުވެގެންވަނީ، އެކަލާނގެއަށެވެ. އަދި ހަމަކަށަވަރުން، اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 65
ހަމަކަށަވަރުން، اللَّه، ބިމުގައިވާހާތަކެއްޗެއް ތިޔަބައިމީހުންނަށްޓަކައި خدمة ތެރިކުރެއްވިކަމާއި، ކަނޑުގައި ނާފަހަރު ދުވަނީ، އެކަލާނގެ أمر ފުޅާ އެކުގައިކަމާއި، އެކަލާނގެ إذن ފުޅާލައިގެން މެނުވީ، ބިމުގެ މައްޗަށް އުޑު ނުވެއްޓޭގޮތުން ހިފަހައްޓަވާކަން، ތިބާއަށް ނޭނގެނީ ހެއްޔެވެ؟ ހަމަކަށަވަރުން، اللَّه އީ، މީސްތަކުންނަށް ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 66
އެކަލާނގެއީ، ތިޔަބައިމީހުން (ނެތުމުގެތެރެއިން) ދިރުއްވައި، ދެން ތިޔަބައިމީހުން މަރުގަންނަވައި، ދެން ތިޔަބައިމީހުން (އަލުން) ދިރުއްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އިންސާނާއަކީ (نعمة ތަކަށް) ދެކޮޅުހަދައި، كافر ވުން ބޮޑު މީހެއްކަން ކަށަވަރެވެ.
Verse 67
ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ هداية އެއްގެ މަތީގައިކަން ކަށަވަރެވެ.
Verse 68
އަދި އެއުރެން ކަލޭގެފާނާ جدل ކޮށްފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންކުރާ ކަންތައް اللَّه ދެނެވޮޑިގަތުން ބޮޑެވެ.
Verse 69
ތިޔަބައިމީހުން خلاف ވެއުޅުނު ކަންތަކާމެދު، قيامة ދުވަހުން، اللَّه ތިޔަބައިމީހުންގެ މެދުގައި حكم ކުރައްވާނެތެވެ.
Verse 70
ހަމަކަށަވަރުން، އުޑާއި، ބިމުގައިވާހާކަމެއް، اللَّه ދެނެވޮޑިގެންވާކަން ތިބާޔަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން، އެކަންތައްވަނީ، ފޮތެއްގައި ލިޔުއްވައިފައެވެ. ހަމަކަށަވަރުން، އެކަންތަކަަކީ، اللَّه އަށް ދާދިފަސޭހަކަމެކެވެ.
Verse 71
(އެތަކެއްޗަށް އަޅުކަންކުރުމަށް) އެއްވެސް دليل އެއް އެކަލާނގެ ބާވައިލައްވާފައިނުވާ ތަކެއްޗަށް، اللَّه ފިޔަވައި އެއުރެން އަޅުކަން ކުރެތެވެ. އަދި އެއުރެންނަކަށް އެކަމާމެދު އެއްވެސް علم އެއް ލިބިގެނެއް ނުވެތެވެ. އަދި އަނިޔާވެރިންނަށް، نصر ދޭނެ އެއްވެސްމީހަކު ނުވެތެވެ.
Verse 72
އަދި އެއުރެންނަށް ތިމަންރަސްކަލާނގެ آية ތައް ބަޔާންވެގެންވާ ގޮތުގައި ކިޔައިދެއްވާހިނދު، كافر ވި މީހުންގެ މޫނުމަތިން ދެކޮޅުވެރިކަމާއި، ނުރުހުމުގެ علامة ތައް ތިބާޔަށް ފެންނާނެތެވެ. ތިމަންރަސްކަލާނގެ آية ތައް އެއުރެންނަށް ކިޔަވައިދޭ މީހުންގެ ގަޔަށް ދެންމެދެންމެ އެއުރެން އަރައިދާނެކަހަލައެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެކަންތަކަށްވުރެ ބޮޑު ނުބަޔަކާ ތިޔަބައިމީހުން ކުރިމަތިވާނެކަމަށް، ތިިމަންކަލޭގެފާނު ތިޔަބައިމީހުންނަށް خبر ދެއްވަން ހެއްޔެވެ؟ އެއީ ނަރަކައެވެ. كافر ވި މީހުންނަށް اللَّه ވަނީ، އެ ނަރަކަ وعد ކުރައްވައިފައެވެ. އަދި އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ.
Verse 73
އޭ މީސްތަކުންނޭވެ! (اللَّه) مثال އެއް ޖައްސަވައިފިއެވެ. ފަހެ، ތިޔަބައިމީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން اللَّه ފިޔަވައި އަޅުކަންކުރާ ތަކެއްޗަކަށް މެއްސެއްވެސް ނެހެދޭނެތެވެ. އެކަމަށް އެ އެންމެން އެއްވިނަމަވެސްމެއެވެ. އަދި އެ މެހި، އެއުރެންގެ ކިބައިން އެއްޗެއް އަތުލައިފިނަމަ، އެވެސް އެ މެހީގެ ކިބައިން، އެއުރެންނަކަށް ސަލާމަތެއް ނުކުރެވޭނެތެވެ. އެދޭ މީހާއާއި އެދެވޭ ފަރާތްވެސް ނިކަމެތިވެގެންވެތެވެ.
Verse 74
اللَّه އަށް قدر ކުރުން حق ވެގެންވާ ގޮތުގައި، އެއުރެން އެކަލާނގެއަށް قدر އެއް ނުކުރެތެވެ. ހަމަކަށަވަރުން، اللَّه އީ، ބާރުވެރިވަންތަ، عزيز ވަންތަ ރަސްކަލާނގެކަން ކަށަވަރެވެ.
Verse 75
اللَّه، ملائكة ންގެ ތެރެއިންނާއި މީސްތަކުންގެތެރެއިން رسول ން خيار ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
Verse 76
އެއުރެންގެ ކުރިމަތީގައި ވާހާކަމަކާއި އެއުރެންގެ ފަހަތުގައި ވާހާކަމެއް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އަދި އެންމެހާ ކަންތައް رجوع ކުރައްވާހުށީ اللَّه ގެ حضرة އަށެވެ.
Verse 77
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ! އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުރާށެވެ! އަދި ތިޔަބައިމީހުން ހެޔޮކަންތައްކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.
އަދިި اللَّه ގެ މަގުގައި جهاد ކުރުން حق ވެގެންވާ ގޮތުގައި ތިޔަބައިމީހުން جهاد ކުރާށެވެ! (أمّة ތަކުގެތެރެއިން) އެކަލާނގެ ތިޔަބައިމީހުން خيار ކުރެއްވިއެވެ. އަދި دين ގައި އުނދަގޫވެގެންވާ ދަތިކަމެއް އެކަލާނގެ ތިޔަބައިމީހުންގެ މައްޗަކަށް ނުލައްވަތެވެ. ތިޔަބައިމީހުންގެ ބަފައިކަލުނަވި إبراهيم ގެފާނުގެ ملّة އަށް ތިޔަބައިމީހުން تبع ވާށެވެ! ކުރީގެ ފޮތްތަކުގައްޔާއި، މި قرآن ގައި ތިޔަބައިމީހުންނަށް مسلم ންގެ ނަން ދެއްވީ އެކަލާނގެއެވެ. (އެއީ) ތިޔަބައިމީހުންގެ މައްޗަށް ހެކިވެވަޑައިގަންނަވާ ބޭކަލަކުކަމުގައި رسول އާ ވުމަށްޓަކައެވެ. އަދި މީސްތަކުންގެ މައްޗަށް ހެކިވާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވުމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި ތިޔަބައިމީހުން اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނަށް نصر ދެއްވާ، އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އެހީތެރިވެވޮޑިގެންވާ ކަލާނގެ މޮޅުކަމާއެވެ! އަދި نصر ދެއްވާކަލާނގެ މޮޅުކަމާއެވެ!
تقدم القراءة